10 އޮކްޓޯބަރ 2018 - 07:20

ސާފުތާހިރު ކަމަށް ކިތަންމެ ބޮޑަށް އިސްކަން ދިނަސް ފާޚާނާ ސާފުކުރަން ބޭނުންކުރާ ބުރުހަށް މާބޮޑު ބަދަލެއް ނާދެ އެވެ.

ނަމަވެސް ލޫމީ އަކީ ރީތި ފާޚާނާތަކަށް ފައްކާކޮށްފައިވާ ރީތި ބުރުހެކެވެ.
ލޫމީގެ އެންމެ މޮޅު ކަމަކީ ފާޚާނާ އުނގުޅުމަށްފަހު އެއަށް ކަނޑައެޅިފައިވާ ބުޑުގަނޑަށް ލުމުން އަލްޓްރާވައިލަޓް ރޭގެ އެހީގައި އެ ބުރުހުން ޖަރާސީމު ނައްތާލާ ކަމެވެ. އާ ބުރުހެކޭ އެއްވަރަށް ސާފުކޮށްލާ ކަމެވެ. ވަކިވަކި ނަރުތަކުން ޖަރާސީމު ލުހެލުމުގެ ބާރު ވެސް މި ލައިޓްގެ އެހީގައި މަސައްކަތްކުރާ ބުޑުގަނޑަށް ލިބިފައިވެއެވެ.
ބުޑުގަނޑުގެ ތެރޭގައި މީގެ ތިން ބޮކި ހުރެއެވެ. މި ބޮކިތަކުން ދޫކުރާ އަލީގެ ސަބަބުން ބުރުސް އެއްކޮށް ސާފުކޮށްދެއެވެ. މީގެ އިތުރުން މީގައިވާ ކުދި ކުދި ލޯވަޅުތަކުގެ ސަބަބުން ބުރުސް ހިއްކާލަދެއެވެ. އަދި އެތެރޭގައިވާ އާތްވަށް ބަދަލުކުރާ ނިޒާމެއްގެ ސަބަބުން ތިކި ޖެހުމުގެ ފުރުސަތު ހަނިކޮށްދެއެވެ. މިހުރިހާ ސިފަތަކަކާއެކު ބުރުހުގެ ބުޑުގަނޑުގައި ފިސާރި ބަރުދަނެއް ވެސް ހުރެއެވެ. އެހެންވެ، ފައިން ޖެހިލާއިރަށް އަރިއަޅާލައިގެން ވެއްޓޭނެ ގޮތެއް ވެސް ނޯވެއެވެ. މި ބުޑުގަނޑު މަސައްކަތްކުރަނީ ޓްރިޕްލް އޭ ސައިޒްގެ ބެޓެރީގެ ބާރުގައެވެ. އަދި ބުރުސް ބޭނުންކޮށް ނިމުމުން ބުޑުގަނޑަށް ލާން ބޭނުންވުމުން ބުޑުގަނޑުގައި ބުރުސް ބަހައްޓާ ޖާގަ އަމިއްލައަށް ހުޅުވި، ލެއްޕެއެވެ.
މި ބުރުސް ސާފުކުރާ އަލްޓްރާވައިލެޓް އަލީގެ ޓެކްނޮލޮޖީއަކީ ހޮސްޕިޓަލްތަކުގައި ކޮޓަރިތައް ސާފުކުރަން ބޭނުންކުރާ ފެންވަރުގެ ޓެކްނޮލޮޖީއެކެވެ. އަދި ބަލިމީހުންނަށް ފަރުވާދޭން ބޭނުންކުރާ ސާމާނު ސާފުކުރަނީ ވެސް މި ޓެކްނޮލޮޖީގެ އެހީގައެވެ. ވީމާ ފާޚާނާ އުނގުޅާ ބުރުހަށް ވެސް މިވަރުގެ އިއްޒަތެއް ދެވިގެން ނޫނީ ޒަމާނީ ފާޚާނާތަކުގެ ނަޔާކަމާއި ރީތިކަން އެގޮތުގައި ދެމެހެއްޓުމަކީ އުނދަގޫކަމެކެވެ. ބުނެވޭ ގޮތުގައި ލޫމީ ފާޚާނާ އުނގުޅާ ބުރުސް މިހާރު ބާޒާރަށް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މި ބުރުސް އާންމު ފިހާރަތަކަށް ނުކުންނާނެއެވެ.