09 އޮކްޓޯބަރ 2018 - 12:24

ބެންކޮކް (އޮކްޓޯބަރު 9) - ބެންކޮކުގައި ވިޔަފާރި ކުރަން މަޝްހޫރު ޕަތޫނާމް ސަރަހައްދުގައި ޒުވާން ދެ ގޭންގެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގައި ބަޑި ޖެހުމުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
އަގުހެޔޮކޮށް ވިޔަފާރި ކުރުމަށާއި ނައިޓް މާކެޓަށް މަޝްހޫރު ޕަތޫނާމް ސަރަހައްދުގައި ދެ ގްރޫޕެއްގެ މެދުގައި ހަމަނުޖެހުން އުފެދުނީ ފިހާރަތައް ހުންނަ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ކަމަށް ފުލުހުންގެ ތަރުޖަމާން ކާނަލް ކްރިސާނާ ޕަތަނަޗަރޮއެން ވިދާޅުވި އެވެ. ދެ ގްރޫޕުން ބަޑި ޖަހަން ފެށި އިރު އިންޑިއާގެ ޓޫރިސްޓުންގެ ގްރޫޕެއް އެ ސަރަހައްދުގައި ތިބީ ބަހުގެ އިންތިޒާރުގަ އެވެ.
"ހަމަލާ ދިން ދެ ގްރޫޕް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބެންކޮކުގެ އެރަވަން ސެންޓަރުގެ ހެލްތު އޮފިޝަލަކު ބުނީ ހަމަލާގައި މަރުވި އިންޑިއާގެ ޓޫރިސްޓުގެ އިތުރުން ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ލާއޯސް މީހަކު ވަނީ ފުލުހުންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ.