ގޯރީ ހިތްހަމަނުޖެހެނީ ޝާހްރުކް ހާންގެ އެންމެ ކަމަކާ
ގޯރީ ހިތްހަމަނުޖެހެނީ ޝާހްރުކް ހާންގެ އެންމެ ކަމަކާ

ޝާހްރުކް ހާނާއި ގޯރީ ހާންގެ ކައިވެންޏަށް 27 އަހަރު ފުރިފައިވާ އިރު، މި ދެ މީހުން ފާހަގަކުރެވެނީ ބޮލީވުޑް ނަމޫނާއެއްގެ ގޮތުގައި ދެކޭ ދެމަފިރިންގެ ގޮތުގަ އެވެ.

ގޯރީ ހިތްހަމަނުޖެހެނީ ޝާހްރުކް ހާންގެ އެންމެ ކަމަކާ
ގޯރީ ހިތްހަމަނުޖެހެނީ ޝާހްރުކް ހާންގެ އެންމެ ކަމަކާ

ކައިވެންޏަށް ތިން ދަރިން ލިބިފައިވާ އިރު، ދޮށީ ދެ ދަރިން މިހާރު ތިބީ ޒުވާން އުމުރަށް އަޅައިފަ އެވެ. އެއީ އަރިޔަން ހާން، 20، އާއި ސުހާނާ ހާން، 18 އެވެ. ސަރޮގޭޓް ހަދައިގެން ލިބުނު ހަގު ފިރިހެން ދަރިފުޅު އަބްރާމަށް މިހާރު ފަސް އަހަރެވެ.

ޝާހްރުކަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ އަށް "ބާދްޝާހް" އޭ ވެސް ކިޔައި އުޅެނީ ރަސްކަލެއް ފަދަ ދިރިއުޅުމެއް އުޅޭތީ އެވެ. އަނެއްކޮޅުން އަންހެނުން ގޯރީއަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް އިންޓީރިއާ ޑިޒައިނަރެވެ.

ގޯރީ ބުނި ގޮތުގައި ޝާހް ދަރިން ދެކެ އަބަދުވެސް އިންތިހާ އަށް ލޯބިވުމަކީ އޭނާ ވަރަށް އުފާވާ ކަމެކެވެ. އެކަމަކު ދަރިންނަށް ލޯބި ދިނުމުގައި އޭނާ ހައްދުން ނައްޓާތީ އެކަން ބޮލުގެ ރިހުމަކަށްވާ ކަމަށް ބުންޏެވެ.

ގޯރީ ބުނީ ޝާހްރުކަކީ ދަރިން ބޭނުންވާ ހުރިހާ އުފަލެއް ހޯދައިދޭން އާދަވެފައި ހުރި ބައްޕައެއް ކަމަށެވެ. އެގޮތުން އަގު ބޮޑު އެއްޗެހި ހޯދައިދިނުމާއި ބޭނުންވާ ކޮންމެ އެއްޗެއް ބުނެލާ އިރަށް ހޯދައިދިނުމަކީ ޝާހްރުކްގެ ކަށީގައި ހިފާފައި ހުންނަ ކަމެއް ކަމަށް ބުންޏެވެ.

"އެހެންވެ އެއީ އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން. އެގޮތަށް އޭނަ ކަންތައް ކުރާތީ އަހަރެންގެ ބޮލުގެ ރިހުމަކަށް އެކަންވޭ،" 1991 ގައި ޝާހްރުކާ ކައިވެނި ކުރި ގޯރީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިރިމީހާ ދަރިންނަށް ލޯބި ދިނުމުގައި ބައެއް ފަހަރު ހައްދުން ބޭރު ވަނީ ވަރަށް ޒުވާން އުމުރުގައި ޝާހްރުކްގެ މައިންބަފައިން ގެއްލިފައިވާތީ ކަމަށް ވެދާނެ އެވެ.

"އަހަންނަށް ގަބޫލު ކުރެވެނީ އޭނަ ކުޑައިރު ނޫނީ ފުރާއުމުރުގައި ބައެއް އުފާތަކުން މަހުރޫމުވީމަ އަމިއްލަ ދަރިންނަށް އެހެން ވިޔަ ނުދިނުމުގެ ބޭނުމުގައި. އެކަމަކު ދަރިންނަށް ލޯބި ދިނުމުގައި ވެސް ހައްދެއް އޮންނަން ވާނެ ކަމަށް އަހަރެން ގަބޫލު ކުރަނީ." ގޯރީ ބުންޏެވެ. "ވަރަށް ގިނަ ފަހަރަށް އަހަރެމެން ދެ މީހުންގެ މެދުގައި މި ބަހުސް ކުރެވޭ."