09 އޮކްޓޯބަރ 2018 - 11:22

އިސްތަންބޫލް (އޮކްޓޯބަރު 9) - ގެއްލިފައިވާ ނޫސްވެރިޔާ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުން ނުކުމެގެން ދިޔަކަމުގެ ހެކި ސައުދީ އަރަބިއާ އިން ދައްކަން ޖެހޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ގައުމުން ބޭރުގައި ދިރިއުޅޭ ސައުދީ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ޚާޝޮގީ އިސްތަންބޫލް ކޮންސިއުލޭޓަށް މިދިޔަ އަންގަރާ ދުވަހު ދިޔައީ ރަސްމީ ލިޔެކިޔުންތަކެއް ފުރިހަމަ ކުރާށެވެ. ތުރުކީގެ ބައެއް ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ޚާޝޮގީ މަރާލީ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ހަމަ އެ ދުވަހު ތުރުކީ އަށް ދިޔަ ސައުދީގެ 15 މެންބަރުންގެ ގްރޫޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ. ސައުދީން އެ ތުހުމަތު ދޮގު ކުރެ އެވެ.

"ނޫސްވެރިޔާ ކޮންސިއުލޭޓުން ދިޔަ ކަމަށް ބުނެލުމަކުން ކޮންސިއުލޭޓުގެ އޮފިޝަލުން ސަލާމަތެއް ނުވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. "އޭނާ ދިޔަ ނަމަ ވީޑިއޯއާ އެކު އެކަން ސާބިތުކޮށް ދޭން ޖެހޭނެ."

ތުރުކީގެ އޮފިޝަލުން އާދިއްތަ ދުވަހު ބުނެފައި ވަނީ ކޮންސިއުލޭޓުގައި ޚާޝޮގީ މަރާލިކަމުގެ "އިތުބާރު ހުރި ހެކި" ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެއްވެސް ހެއްކެއް ހާމަކޮށްފައެއް ނުވެ އެވެ. ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރިން ވިދާޅުވެފައި ވަނީ ކޮންސިއުލޭޓް ބަލާ ފާސްކުރަން ތުރުކީގެ އޮފިޝަލުންނަށް މަރުހަބާ ކިޔާ ކަމަށެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔާ އެ ގައުމުގެ ނޫހެއްގައި ލިޔަން ފެށުމުން އަމިއްލަ ފުރާނަ އަށް ނުރައްކާވާން ފެށުމުން ޚާޝޮގީ ވަނީ ސައުދީ ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ޚާޝޮގީ ވަނީ އަލް ވަތަން ނޫހުގެ އެޑިޓަރުކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ ވޮޝިންޓަން ޕޯސްޓަށް ކޮލަމެއް ލިޔަން ފަށައިފަ އެވެ. ޕޯސްޓުން ބުނީ ޚާޝޮގީ ގެއްލުނު މައްސަލާގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަން އެމެރިކާ އިން ވެސް ޑިމާންޑް ކުރަން ޖެހޭ ކަމަށެވެ.
ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޫސްވެރިޔާގެ މައްސަލައާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވެސް ވަނީ ޚާޝޮގީ ގެއްލުނު މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ސައުދީ ސަރުކާރަށް ގޮވާލައިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އިސްތަންބޫލް ކޮންސިއުލޭޓަށް ޚާޝޮގީ ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ. އެއީ ތުރުކީ އަންހެނަކާ އޭނާ އަންނަ ހަފުތާގައި ކައިވެނި ކުރާށެވެ.