ގައުމީ ފުޓްބޯޅަ އެކެޑަމީ މި އަހަރު ފަށާނަން: ބައްސާމް
ގައުމީ ފުޓްބޯޅަ އެކެޑަމީ މި އަހަރު ފަށާނަން: ބައްސާމް

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ އެކެޑަމީ (ޓްރެއިނިން ސްކޫލް) މި އަހަރު ތެރޭ ފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެެވެ.

އެފްއޭއެމުން މިދިޔަ ޖުލައި އެއް ވަނަ ދުވަހު ގައުމީ އެކެޑަމީގެ ޕްލޭން މީޑިއާ އަށް ހިއްސާކުރިއިރު ރާވާފައި އޮތީ 90 ދުވަހުގެ ތެރޭގައި އެކެޑަމީގެ މަސައްކަތް ފެށުމަށެވެ. އެކަމަކު އެ މުއްދަތު މިހާރު ފާއިތުވެފައިވާއިރު، އަދިވެސް މަސައްކަތްދަނީ ކުރިއަށެވެ.

އެފްއޭއެމުން ބުނީ ތަފާތު ދަތިތަކާ ހުރެ ގައުމީ އެކެޑަމީގެ މަސައްކަތް ލަސްވެގެންދިޔައީ ކަމަށެވެ.

"އެތާގެ މަސައްކަތް އަޅުގަނޑުމެން ފުރަތަމަ ރޭވީ 90 ދުވަސް ތެރޭ ނިންމަން. އެހެން ނަމަވެސް މޫސުން ގޯސްވުމާއި ހަމައެއާ އެކީ އަޅުގަނޑުމެން ލިބެންޖެހޭ ބައެއް ކަހަލަ ހުއްދަތައް ލިބުމުގައި ތާށިތަކެއް އުޅުމާއި އަދި ލިބިފައި އޮތް ބިން ސާފު ކުރަން ދިމާވި ދަތިތަކާ ހެދި ލަސްވެގެންދިޔައީ. އިރާދަކުރެއްވިއްޔާ އެ ސެންޓަރުގެ ފޭސް ވަން މި އަހަރު ފެށިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ކުރިއަށްދާނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭހުގައި ހިމެނެނީ އޮފީހަކާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެކެވެ. ދެ ވަނަ ފޭހުގެ މަސައްކަތް ފަހުން ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، އިތުރުވާނީ ދަނޑުތަކެކެވެ.

"(ފުރަތަމަ ފޭހަށް) މި ކަމަށް ބޭނުންވާ ހުރިހާ އެއްޗެއް މާލެ ގެނެސްފައި ހުރީ. ޕިޗާ އެއްޗެހި. ހަމައެކަނި އެތަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އިމާރާތުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި އެބަކުރިއަށްދޭ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ބުނީ މި އެކެޑަމީ ހަދަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން 13 އަހަރުން ފެށިގެން 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް، އެއް ފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށެވެ. ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ފުރަތަމަ މަސައްކަތް ފަށާއިރު، އެކެޑަމީގެ ކަންތައްތައް އޮންނާނީ ބޯޑިން ގޮތަށެވެ. އެ ގޮތުން ފުޓްބޯޅައިގެ އިތުރުން ކިޔެވުމުގެ ކަންތައްތައް ވެސް ކުރިއަށްދާނެ އެވެ. އަދި އަހަރުން އަހަރަށް ކުދިންގެ ކިޔެވުމާއި ކުޅުމުގެ ކަންތައްތައް މޮނިޓާކުރާނެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ ގައުމީ އެކެޑަމީ އަށް ކުޅުންތެރިން ނަގާނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅުތަކުގައި ގާއިމްކުރާ ޑިވޮލޮޕްމަންޓް ސެންޓަރުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ އެކެޑަމީތަކުންނާއި އަމިއްލަ އެކެޑަމީތަކުން ކަމަށެވެ.

"އަސްލު ސެންޓަރަކަށްވާނީ ހުޅުމާލޭގައި ހުންނަ ސްކޫލް. އަޅުގަނޑުމެންގެ ނުވަ ޒޯނު މި އޮންނަނީ. މާލެ ވެސް ލާފައި. އަދި އަޅުގަނޑުމެން މީގެ ތެރެއަށް އިތުރު ޒޯނެއް ލާނަން އައްޑޫގައި. އެ އަތޮޅު ތެރެއިން ފެންނަ ހުރިހާ ކްރީމެއް (މޮޅު ކުޅުންތެރިން) ތިބޭނީ ޓްރޭނިން ސެންޓަރުގައި. އެއީ އަސްލު ޕްލޭނަކީ،" ސާންތީ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ގައުމީ އެކެޑަމީގެ އެންމެ ބޮޑު ކަމަކަށްވާނީ ރަނގަޅު ކުޅުންތެރިން ކްލަބްތަކާ ހަމައަށް ނޫނީ އުމުރުފުރާ ގައުމީ ޓީމުތަކަށް ހޮވައިގެން ކުރިއެރުވުން ކަމަށެވެ. އަދި ރަށްރަށުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް އަބަދުވެސް ގައުމީ އެކެޑަމީން ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ޒުވާނުންނަށް ފޯކަސް ކޮށްފިއްޔާ މި ކަމެއް ނުވާނެ. މި ސެންޓަރަށް ސަޕްލައި ކޮށްދޭނެ ސެންޓަރުތަކެއް އަތޮޅުތެރޭގައި ގާއިމްކުރެވިގެން މިދަނީ. ރާއްޖޭގެ ހިންގާ ހުރިހާ އެކެޑަމީ އަކުން މި ސެންޓަރަށް ރަނގަޅު ކުޅުންތެރިން ސަޕްލައި ކޮށްދޭނެ. މީގެ ތެރޭގައި ހިމެނޭނެ ޕްރައިވެޓް އެކެޑަމީތަކުން އަންނަ ކުޅުންތެރިން ވެސް،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ބުނީ ވިސްނުން ހުރީ ހުރިހާ ކްލަބްތަކާއި އެކެޑަމީތަކާ ގުޅިގެން މި ކަން ކުރުމަށް ކަމަށާއި މި ޕްލޭނާ އެއްގޮތަށް ކުރިއަށްދާން އެންމެންގެ އެއްބާރުލުން ލިބިގެންނޫނީ ބޭނުންވާ ހިސާބަށް ނުދެވޭނެ ކަމަށެވެ.