10 އޮކްޓޯބަރ 2018 - 07:23

ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވަރަށް ނަމޫނާ އަދި ވަރަށް ލޯބި ބައްޕައެއްގެ ރޯލް ކުޅެފައިވާ ދުވަސްވީ އެކްޓަރު އަލޯކް ނާތުގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި އެވެ.
"މޭނޭ ޕިޔާރް ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތައް ކުޅެފައިވާ 62 ގެ އެކްޓަރަށް ރޭޕްގެ ތުހުމަތުކޮށްފައި ވަނީ 1993-1997 އަށް އަށް ޒީ ޓީވީން ދެއްކި ޓީވީ ސިލްސިލާ "ތާރާ" ގެ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ވިންތާ ނަންދާ އެވެ.
އޭނާ ފޭސްބުކްގައި އާންމުކުރި ދިގު ޕޯސްޓެއްގައި، އަލޯކްގެ ނަން ނުހިމަނައި ބުނެފައި ވަނީ "މާ މާތް މީހަކަށް ހެދިގެން އުޅޭ" އެކްޓަރެއްގެ އަމަލުތައް ހުރި ގޮތުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.
އަލޯކް ކުޅެފައިވާ ނަމޫނާ ރޯލުތަކުގެ ސަބަބުން އޭނާ މަޝްހޫރުވެފައި ވަނީ ވަރަށް "ސަންސްކާރީ" މީހެއްގެ ގޮތުގަ އެވެ.
ނަމަވެސް ވިންދާގެ ޕޯސްޓްގައި ވަނީ އަލޯކްގެ ފަރާތުން ތަޖުރިބާކުރަން ޖެހުނު ވަރަށް ގިނަ ކަންތައްތަކެއްގެ ވާހަކަ ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާއަކީ އަބަދު ރާ ބޮއެ، އެއަށް ދެވި ހިފާފައިވާ މީހެއް ކަމަށާއި "ތާރާ" ގެ ބަތަލާއިންގެ ގަޔަށް ވެސް އޭނާ އަތްލައި ފުރައްސާރަކުރާތީ ޝަކުވާތައް ބޮޑު ކަމަށް ބުންޏެވެ.
ވިންތާ ބުނި ގޮތުގައި އަލޯކް އޭނާ ރޭޕްކޮށްފައި ވަނީ ޕާޓީއެއް ނިންމާލަފައި ގެއަށް ދިއުމުގެ މަގުމަތީގަ އެވެ. އަދި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބި، ބިރު ވެސް ދައްކަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.
ވިންތާގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަލޯކްއާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އެއްބަޔަކު ބުނީ އޭނާ އުމުރަށް ޖަލަށް ލާން ޖެހޭ ކަމަށާއި ނުވަތަ އެއީ މިހާރު ދަންޖައްސަން ޖެހިފައި ހުރި މީހެއް ކަމަށެވެ.
ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކުގެ މައްސަލަތައް ކޮންމެ ދުވަހަކުހެން މިހާރު ހިލެމުންދާ އިރު، އެކްޓަރު ނާނާ ޕަޓޭކަރާއި ރަޖަތު ކަޕޫރާއި ކުރީގެ އެކްޓަރު/މޮޑެލް ޒުލްފީ ސައިދާއި ލަވަކިޔުންތެރިޔާ ކައިލާޝް ކޭރާއި ޑައިރެކްޓަރު ވިކާސް ބާލް ފަދަ މީސްމީހުންގެ ވާހަކަތައް މީޑިއާތަކުގައި ދަނީ ވަރަށް ހޫނުކޮށް ދެކެވެމުންނެވެ.