09 އޮކްޓޯބަރ 2018 - 11:26

ހއ. ހޯރަފުށީ ހޮސްޕިޓަލްގެ ޑޮކްޓަރަކު ޗުއްޓީއަކަށް ދާންވެގެން ބޭންކުން ނެގި 111،000ރ ވަގަށް ގެންދިޔަކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، އެ ފައިސާގެ ބައެއް ފުލުހުން ހޯދައިފި އެވެ.
މި ވައްކަމާ ގުޅިގެން ހައްޔަރުކުރި ތިން ފިރިހެނުންގެ ތެރޭގައި ހޮސްޕިޓަލްގެ މުވައްޒަފަކު ވެސް ހިމެނެ އެވެ.
މިސްރުގެ އެ ޑޮކްޓަރު އުޅެމުން އަންނަ ގޭގެ އަލަމާރިއެއްގެ ތެރޭގައި ރައްކާކޮށްފައި ހުއްޓާ އެ ފައިސާ ވަގަށް ގެންދިޔައީ މިދިއަ ބުރާސްފަތިދުވަހު އެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް 63،500ރ. ފުލުހުން ވަނީ ހޯދައިފަ އެވެ.
އެ ފައިސާ ފެނުނީ، ހައްޔަރުކޮށްފައިވާ އެކެއްގެ ގޭގެ ބަދިގެ ތެރޭގައި ވަޅުލާފައި ހުއްޓަ އެވެ.