11 އޮކްޓޯބަރ 2018 - 07:33

ރަންބީރާއި ދީޕިކާ ޕަދްކޯންގެ ޖޯޑަކީ ބޮޑު ސްކްރީނުގައި ބެލުންތެރިންނަށް އެންމެ މަގުބޫލު އެއް ޖޯޑެވެ. ދެ ތަރިން މިހާތަނަށް އެކުގައި ތިން ފިލްމެއް ކުޅެފައިވެ އެވެ. ކުރިން ލޯބީގެ ގުޅުމެއް ވެސް ބޭއްވި ދެ ތަރިން ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ 2013 ގެ "ޔެ ޖަވާނީ ހެ ދީވާނީ" އެވެ.
ރަންބީރާއި ދީޕިކާ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2015 ގެ "ތަމާޝާ" އިންނެވެ. ދެ ތަރިންގެ ކެމިސްޓްރީ އެންމެ ފުރަތަމަ ސްކްރީނުން ދައްކައިލި ފިލްމަކީ 2008 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ރިޕޯޯޓް ކުރަމުން އަންނަ ގޮތުގައި ހަތަރު ވަނަ ފިލްމަކުން މި ޖޯޑު ފެނިދާނެ އެވެ. އެގޮތުން ރަންބީރު ސޮއިކޮށްފައިވާ ލަވް ރަންޖަންގެ ފިލްމުގެ ބަތަލާގެ ރޯލުން ދީޕިކާ ފެނުން ގާތް ކަމަށް ބުނެފައިވެ އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން އާއި ތައްބޫ ވެސް ހިމެނެ އެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން މީގެ ކާސްޓަށް، ރަންބީރުގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް ގެންނަން، ރަންބީރު މަސައްކަތްކޮށްފައިވެ އެވެ.
އެކަމަކު ނޫސްތަކުން މިހާރު ބުނާ ގޮތުގައި ލަވްގެ ފިލްމު ދީޕިކާ އަށް ނެރޭޓްކޮށް ދީފައިވާ އިރު، އޭނާ އަށް ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ އެވެ. އެހެންވެ ފިލްމަށް ސޮއި ކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ލަވް އާއި ދީޕިކާ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދީޕިކާ މި ވަގުތު ސޮއިކޮށްފައި އޮތް ހަމައެކަނި ފިލްމަކީ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމެވެ.
ލަވްގެ އާ ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަކީ މި އަހަރު 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ނުވަ ފިލްމުގެ ތެރެއިން އެއް ފިލްމެވެ.