09 އޮކްޓޯބަރ 2018 - 09:40

މެންޗެސްޓާ (އޮކްޓޯބަރު 9) – މެންޗެސްޓާ ޔުނައިޓެޑުން ޒުވާން ޑިފެންޑަރެއް ގަތުމަށް ކޯޗު ހޯސޭ މޮރީނިއޯ ބާރުއަޅަމުން އަންނަ ކަމަށާއި އެގޮތުން އޭސީ މިލާނުގެ ކެޕްޓަން އަލެޗިއޯ ރޮމަނޮލީ އާއި އިންޓަ މިލާނުގެ މިލަން ސްކްރިނާ ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުގެ ނަތީޖާތައް މި ސީޒަނުގައި ދަށްވެ މޮރީނިއޯ ދެންމެ ދެންމެ ވަކިކޮށްފާނެހެން ވެސް ހީވެ އެވެ. މިދިޔަ ހަފުތާގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭނާ ވަކިކުރާނެ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެ ކްލަބުން ވަނީ މޮރީނިއޯ ވަކިކުރުމުގެ މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށެވެ.
މިހާރު ރިޕޯޓްތައް ބުނަނީ، ޖެނުއަރީ ޑިފެންޑަރު ގެނެސް އޭނާ އަށް ތާއީދު އޮތްކަން ކްލަބުން ހާމަކޮށްދޭން މޮރީނިއޯ ޑިމާންޑްކޮށްފައިވާ ކަމަށެވެ.
މިދިޔަ ޓްރާންސްފާ ބާޒާރުގައި މޮރީނިއޯ ގެންނަން ބޭނުންވި ޑިފެންޑަރުންނަކީ ޓޮޓެންހަމް ހޮޓްސްޕާސްގެ ޓޮބީ އަލްޑާވެއިރަލްޑާއި ބަޔާން މިއުނިކުގެ ޖެރޯމް ބޯޓެން އަދި އުރުގުއޭގެ ޑިއެގޯ ގޮޑިން އެވެ. އެކަމަކު އޭގެން ކުޅުންތެރިއަކު ގެންނަން ބޯޑުން ހުއްދަ ނުދިން އެއް ސަބަބަކީ އުމުރެވެ. އެހެންވެ މޮރީނިއޯ މިހާރު ބޭނުންވަނީ ޒުވާން ޑިފެންޑަރެކެވެ.
އޭގެ ތެރެއިން ރޮމަނޮލީ އަކީ މިލާނުގެ އިތުރުން އިޓަލީ ގައުމީ ޓީމުގެ ވެސް އެންމެ މުހިއްމު އެއް ޑިފެންޑަރެވެ. މި ސީޒަނުގައި މިލާނުގެ ކެޕްޓަންގެ މަގާމާ ހަވާލުވި ރޮމަނޮލީ މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް އާކޮށްފައިވާއިރު، އެ ކްލަބުގެ އާ މެނޭޖްމަންޓުން ފަށާފައިވާ ޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. އެހެންވެ އޭއެސް ރޯމާގެ ކުރީގެ ޑިފެންޑަރު ވިއްކާލާނެ ކަމަށް ނުބެލެވެ އެވެ.
ސަމްޕްޑޯރިއާ އިން މިދިޔަ ސީޒަނުގައި އިންޓައާ ގުޅުނު ސްލޮވާކިއާގެ ސްކްރިނާ އަކީ އިންޓަގައި މި ދެ ސީޒަނުގައި އެންމެ މޮޅަށް ކުޅޭ އެއް ކުޅުންތެރިޔާ އެވެ. ޔޫރަޕުގެ ބޮޑެތި ކްލަބްތަކުގެ ލޯ އަމާޒުވެފައިވާ މި ކުޅުންތެރިއާ ވަރަށް އަވަހަށް އިންޓައާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.