11 އޮކްޓޯބަރ 2018 - 07:32

ބޮލީވުޑްގައި މިހާރި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން ތަރިއަކާ އެކު ލޯބީގެ ރޯލެއް ކުޅެން ބޭނުންވާ ނަމަ ހޮވުމަކަށް ވާނީ ވަރުން ދަވަން ކަމަށް ކާޖޮލް ބުނެފި އެވެ.

ހުކުރު ދުވަހު ރިލީޒްކުރާ، ކާޖޮލްގެ އެންމެ ފަހުގެ ފިލްމު "ހެލިކޮޕްޓާ އީލާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޑީއެންއޭ އަށް ކާޖޮލް ބުނީ،، ވަރުންއަކީ އޭނާ އަށް ވަރަށް ކަމުދާ މޮޅު އެކްޓަރެއް ކަމަށެވެ.
މި ދެ ތަރިން ވަނީ 2015 ގައި ރޯހިތު ޝެޓީ ގެނެސް ދިން "ދިލްވާލޭ" ގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމުގައި ކާޖޮލްއަކީ، ވަރުންގެ ބޭބެގެ ރޯލު ކުޅުނު ޝާހްރުކް ހާންގެ ލޯބިވެރިޔާ އެވެ. އަދި ވަރުންއަކީ ކާޖޮލްގެ ކޮއްކޮގެ ރޯލު ކުޅުނު ކިރިތީ ސެނަންގެ ލޯބިވެރިޔާ އެވެ.
ވަރުން، 31، އާ ބެހޭ ގޮތުން ކާޖޮލް، 44، ބުނީ "ދިލްވާލޭ" ގައި އެކުގައި މަސައްކަތްކޮށްލަން ލިބުނު ތަޖުރިބާ ވެސް ވަރަށް އުފާވެރި ކަމަށެވެ. އަދި ވަރުންއަކީ ވަރަށް މަޖާ "ސްވީޓް" އެކްޓަރެއް ކަމަށް ބުންޏެވެ.
"ހަމަ ޔަގީނުން ވެސް ޒުވާން އެކްޓަރަކާ އެކު ލޯބީގެ ރޯލެއް ކުޅެން ބޭނުންވާ ނަމަ އަހަރެންގެ ހޮވުމަކަށް ވާނީ ވަރުން. އޭގައި އެއްވެސް ސުވާލެއް،" އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބުންޏެވެ. "އޭނައަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އަދި އެހާމެ މަޖާ އެކްޓަރެއް."
ވަރުންއަކީ މިހާރު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. އޭނާ މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއް ޕްލޮޕްވެފައެއް ނުވެ އެވެ. ވަރުންގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އަނުޝްކާ ޝަރްމާ ބަތަލާގެ ރޯލުން ފެނިގެންދާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.