11 އޮކްޓޯބަރ 2018 - 07:32

އަރްޖުން ކަޕޫރާއި ސަންޖޭ ދަތު މުހިއްމު ރޯލުތަކުން ފެނިގެންދާ އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ރޯލަކަށް ކުރީގެ މަޝްހޫރު ބަތަލާ ޕަދްމިނީ ކޯލަޕޫރީ ސޮއިކޮށްފި އެވެ.
ކިރިތީ ސެނަން ބަތަލާގެ ރޯލު ކުޅޭ މި ފިލްމުން، ޕަދްމިނީ، 52، ފެނިގެން ދާނީ ގޯޕިކާ ބާއީ ކިޔާ ކެރެކްޓާއަކުންނެވެ. ކުރިން ވަރަށް ރީތި، ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޕަދްމިނީއަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރަދާ ކަޕޫރްގެ ބޮޑުދައިތަ އެވެ.
އޭނާއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން އަރްޖުން އަށް ފުރުސަތު ލިބިގެންދާ އިރު، އަރްޖުން ވަނީ ޝްރަދާއާ އެކު "ހާފް ގާލްފްރެންޑް" ގައި މަސައްކަތްކޮށްފަ އެވެ.
ޕަދްމިނީ މި ފަހުން ކުޅުނު ބައެއް ފިލްމްތަކުގެ ތެރޭގައި ޝާހިދު ކަޕޫރްގެ ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ (2013) އާއި މާއީ (2013) އަދި ކަރްބޮން (2015) ހިމެނެ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި އޭރުގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމުތައް ކުޅުނު ޕަދްމިނީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ރިޝީ ކަޕޫރާ އެކު ކުޅުނު "ޕްރޭމް ރޯގް"، މިތުން ޗަކްރަބަތީއާ އެކު ކުޅުނު "ޕިޔާރް ޖުކްތާ ނެހީ"، ރާޖޭޝް ކަންނާއާ އެކު ކުޅުނު "ސޯތެން"، އަނިލް ކަޕޫރާ އެކު ކުޅުނު "ވޯ ސާތު ދިން" އަދި ގޯވިންދާއާ އެކު ކުޅުނު "ދާދާގިރީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
މިހާރު ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ "ޕާނިޕަޓް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު، 6، 2019 ގަ އެވެ. މިއީ 2016 ގައި ރިލީޒް ކުރި ރިތިކް ރޯޝަންގެ ފްލޮޕް ފިލްމު "މޮހެންޖޮ ދާރޯ" އަށް ފަހު، އަޝުތޯޝް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
އޭނާއަކީ ތާރީހީ ހާދިސާތަކަށް ފިލްމުތައް ހަދަން މަޝްހޫރު ޑައިރެކްޓަރެކެވެ. އަޝުތޯޝްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އާމިރު ހާންގެ "ލަގާން" އާއި ރިތިކާއި އައިޝްވާރިޔާ ރާއީގެ "ޖޯދާ އަކްބަރު" އެވެ.