09 އޮކްޓޯބަރ 2018 - 09:42

ލަންޑަން (އޮކްޓޫބަރު 9) - ޔުއެފާ އިން ދާދި ފަހުން ތައާރަފްކުރި ޔުއެފާ ނޭޝަންސް ލީގަކީ ގައުމުތަކަށް މާ ބޮޑެތި ފައިދާތަކެއް ކުރާނެ މުބާރާތެއްގެ ގޮތުގައި ނުދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޔުއެފާ އިން މި ފަހަރު އަލަށް ތައާރަފްކުރި ނޭޝަންސް ލީގަކީ ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެން ރޭވިފައި އޮތް މުބާރާތެކެވެ. އެ މުބާރާތުގެ ތަށްޓައް ވާދަކުރެވޭނީ އެ ފަހަރެއްގައި ފުރަތަމަ ކެޓަގަރީގައި އޮންނަ ޓީމުތަކަށެވެ. ދެން އޮތް ތިން ކެޓަގަރީ އަކީ ކޮލިފިކޭޝަނެކެވެ. ޔުއެފާ އިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ވެސް ކުރިއަށްދާނީ މީގެ ތެރެއިންނެވެ.
ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރޭންކިންގެ ގޮތުން އެންމެ ކުރީގައި އުޅޭ 12 ޓީމެވެ. އެ ޓީމުތައް ތިން ޓީމު ހިމެނޭ ގޮތަށް ހަތަރު ގްރޫޕަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން އެއް ވަނަ އަށް ދާ އަންނަ އަހަރު ޖޫން މަހު އޮންނަ ފައިނަލް ބުރަށް ހޮވޭނެ އެވެ. އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެ އެވެ.
މީގެ ކުރިން ޔުއެފާ ނޭޝަންސް ލީގުގެ ބޭނުމާ ބެހޭގޮތުން ގިނަ ބަޔަކު ތަފާތު ގޮތްގޮތަށް ވަނީ ވާހަކަ ދައްކައިފަ އެވެ. އެއް ބަޔެއްގެ ނަޒަރުގައި މި މުބާރާތް މުހިއްމު ނަމަވެސް މުބާރާްތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތައް ވެސް ގިނަ އެވެ. މަޝްހޫރު ގިނަ ކޯޗުން ވެސް ވަނީ އެ ވާހަކަތައް މީގެ ކުރިން ދައްކައިފަ އެވެ.
"ކުޅުންތެރިން ބައިނަލްއަގްވާމީ މެޗުތައް ކުޅެން ދިއުމާ ދެކޮޅެއް ނޫން. އެކަމަކު ނޭޝަންސް ލީގަކީ އަހަރެންގެ ނަޒަރުގައި ދުނިޔޭގައި ކުޅެވޭ އެންމެ ދެކޮޅު ނުޖެހޭ އެންމެ ބޮޑު މުބާރާތް. މީގެ އިން ކުޅުންތެރިންނަށް ކުރާނެ ފައިދާއެއް ފެންނާކަށް ނެތް،" ލީގުގައި އެންމެ ފަހުން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗަށް ފަހު ކްލޮޕް ބުންޏެވެ.
"މިހާރު ގާތްގާތުގައި ވަރުގަދަ ގިނަ މެޗުތަކެއް (ކްލަބްގައި) ކުޅެފައި އަހަރެން މި ޖެހުނީ އަނެއްކާ ވެސް މުބާރާތަކަށް ކުޅުންތެރިން ދޫކޮށްލަން. ގައުމީ ޓީމުގައި ވެސް ރަހުމަތްތެރި މެޗެއް ކުޅެލުމުގެ މާހައުލެއް މިހާރު ނެތް."
އޭނާ ބުނީ ނޭޝަންސް ލީގު ކުރިއަށްދާ ގޮތުން ފައިނަލް ކުޅެން މި ޖެހެނީ އަންނަ އަހަރު ކަމަށާއި މުބާރާތް ރޭވިފައި އޮތީ އެންމެ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ.
"މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ފައިދާވާ ގޮތަށް މުބާރާތް އޮންނަން ވާނީ. ވޯލްޑް ކަޕާއި ޔޫރޯ ދެން އެހެން މުބާރާތެއްގައި ވެސް ޓީމެއް ކުރިން ރަޖިސްޓްރީ ކުރަން ޖެހޭ. މިސާލަކަށް ނޭޝަންސް ލީގުގައި ފުރަތަމަ މެޗުތަކުގައި ކުޅޭ ކުޅުންތެރިއަކު ފައިނަލަށް އެ ޓީމު ދިޔަސް ޓީމު ލިސްޓުގައި ވެސް ނެތިދާނެ. އެއް މެޗަށް ނަގައިގެން ބެންޗުގައި އިންނަ ކުޅުންތެރިއަކު މެޑަލް ވެސް އަޅާފާނެ. އެއީ ކޮންމެ ފަހަރަކު ތަފާތު ޓީމެއް ގައުމުތަކުން މި ނަގަނީ،" ކްލޮޕް ބުންޏެވެ.
ޔުއެފާ އިން ނޭޝަންސް ލީގު ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގްވާމީ މެޗުތަކެއް ގިނަ ގައުމުތަކަށް ހޯދައިދިނުމުގެ އިތުރުން ބޮޑު މުބާރާތެއް ނޯންނަ އަހަރެއްގައި ފުޓްބޯޅައިގެ ވާދަވެރިކަން ފެންނަ މުބާރާތެއް ބޭއްވުމަށެވެ. އެގޮތަށް ވިސްނައިގެން މި މުބާރާތް ރޭވުމުން ކުޅުންތެރިންނަށް އެއްވެސް އަހަރެއްގައި ރަނގަޅު ބްރޭކެއް ނުލިބޭނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"ކުޅުންތެރިންނަށް މިހާރު މި ވީ ގޮތުން ނުލިބޭ ބްރޭކެއް. މިސާލަަކަށް ބަލަމާ މި ފަހަރު ވޯލްޑް ކަޕަށް ފަހު އިންގްލެންޑާއި ބެލްޖިއަމްގެ ގިނަ ކުޅުންތެރިން އެ ކުޅެނީ ރެސްޓެއް ނެތި. ދެ ހަފްތާގެ ބްރޭކަކަށް ފަހު. އަންނަ އަހަރު ނޭޝަން ލީގު ކުޅެފައި އައިސް ވެސް އެހެން ވެދާނެ. މިއީ ޕްރޮފެޝަނަލީ ކުޅުންތެރިންނަށް ހުރި ގޮންޖެހުން،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ގައުމީ ޓީމެއްގެ މުބާރާތެއް ރާވަން ޖެހޭނީ ވަކި ވަގުތެއްގައި ކަމަށާއި ކްލަބްތައް ކުޅޭގޮތަށް ލީގު ސިސްޓަމަށް ގައުމީ ޓީމުގެ މެޗުތައް ކުޅުމަކީ އޭގެން މަންފާއެއް ހޯދުމަށް ވުރެ ބޮޑަށް މައްސަލަތަކެއް އުފެދޭނެ ކަމެއް ކަމަށެވެ.