ވަންޕްލަސް 6ޓީ އޮކްޓޯބަރު 30 ގައި
ވަންޕްލަސް 6ޓީ އޮކްޓޯބަރު 30 ގައި

ވަންޕްލަސް 6ޓީ އާ ބެހޭ ގޮތުން އަދިވެސް އެނގެނީ ދެތިން ކަމެކެވެ. ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ އިންނާނެ ކަމާއި 3.5 އެމްއެމް އޯޑިއޯ ޖެކް ނުއިންނާނެ ކަމެވެ. އަދި ވަންޕްލަސް 6 އަށް ވުރެ ބެޓެރީ ބޮޑުވާނެ ކަމެވެ.

ވަންޕްލަސް 6ޓީ އާ ބެހޭ ގޮތުން އިންޓަނެޓަށް ލީކުވެގެން އުޅޭ މައުލޫމާތަށް ބަލާއިރު، އެ ފޯނު ތައާރުފުކޮށް އަދި އާންމު ވިޔަފާރި އަށް ހުޅުވާލާ ދުވަސް ވެސް ކަށަވަރުވެއްޖެ ކަހަލަ އެވެ. އެކަމަކު ވަންޕްލަސް ފޯނުތައް އުފައްދާ ކުންފުންޏަކުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

އިންޓަނެޓްގައި މިހާރު އެންމެ ގަދަ އަށް ދެކެވޭ ވާހަކަ އަކީ އެމެޒޯން އިންޑިޔާގައި ވަންޕްލަސް 6ޓީ ޕްރީއޯޑަރަށް ހުޅުވާލި ވާހަކަ އެވެ. އަދި ޕްރީއޯޑަރު ނިންމާލަން ކަނޑައަޅާފައިވާ ދުވަހަކީ އެ ފޯނު އާންމު ފިހާރަތަކުން ގަންނަން ލިބޭނެ ދުވަސް ކަމަށް ބުނެ ދެކެވިފައި ހުރި ވާހަކަތަކެވެ. އެއީ އޮކްޓޯބަރު 30 އެވެ.

ސްމާޓްފޯން މާކެޓްގައި ވަންޕްލަސް ފޯނުތައް ވަރަށް ހަގެވެ. ކަން އޮތް ގޮތަކީ މި އެވެ. އެހެން ނަމަވެސް، ވަންޕްލަސް ފޯނުތަކަށް މީހުން ދޭ ސަމާލުކަން، މާކެޓްގައި މަޝްހޫރު އެހެން މަރުކާތަކަށް ވަކި ދުލެއް ނުކުރެ އެވެ. އެންމެ ބޮޑު ސަބަބަކީ ނުބައްދަލު އަގުތަކުގައި އިންތިހާ އަށް ރީތި އަދި އެހައި ބާރުގަދަ ފޯނުތަކަކަށް ވުމެވެ.

ވަންޕްލަސް 6ޓީ އެހެން ފޯނަކާ އަޅާ ކިޔާ ނަމަ އެންމެ ވައްތަރުވާނެ ކަމަށް ބުނެވެނީ "އޮޕޯ އާރު17" އާ އެވެ. ސަބަބަކީ މި ދެ ކުންފުނީގެ އަސްލު އެއް ދިމާއަކަށް ނިސްބަތްވުމެވެ. ފޯނުތައް އުފެއްދުމުގައި ދެ ކުންފުނީގެ އޮފިޝަލުން ސައްލާކުރުމެވެ.

ވަންޕްލަސް 6ޓީގެ ސްކްރީން ސައިޒަކީ 6.41 އިންޗި އެވެ. އަސްލަކީ އެމޯލެޑް އެވެ. ސްކްރީންގެ މަތީ ދާރަ ކައިރީގައި "ނޮޗް"، ހުސް ތަންކޮޅެއް އިންނާނެ އެވެ. ވަންޕްލަސް 6 އަށް ވުރެ 10 ޕަސެންޓް ހަކަތަ، ވަންޕްލަސް 6ޓީގެ ބެޓެރީ އަށް އިތުރުކުރެވިފައި ވެ އެވެ.