09 އޮކްޓޯބަރ 2018 - 08:13

ކުޅޭނެ ފިލްމެއް މިހާރު އެއްގޮތަކަށް ވެސް ނުލިބޭ ބޮލީވުޑްގެ އެކްޓަރު ހަރްމަން ބަވޭޖާ ފިލްމު ޕްރޮޑިއުސްކުރަން ނިންމައި، "ސާޓަން" ގެ ނަމުގައި ފުރަތަމަ ފިލްމު ހަދަން ނިންމައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މި ފިލްމަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލަށް އަދިތީ ރާއޯ ހައިދަރީ ސޮއިކޮށްފައިވާ އިރު، ފިލްމުގެ އިތުރު ކާސްޓުންނާއި ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
ހަރްމަން ބޮލީވުޑަށް ތައާރަފުވީ އޭނާގެ ބައްޕަ ހަރީ ބަވޭޖާ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރި 2008ގެ ފިލްމު "ލަވް ސްޓޯރީ 2050" އިންނެވެ. ޕްރިޔަންކާ ޗޯޕްޅާގެ ބަތަލާގެ ރޯލު ކުޅުނު ފިލްމަށް ބެލުންތެރިންގެ ފަރާތުން ވަރަށް ފިނި ތަރުހީބެއް ލިބިގެން ދިޔަ އިރު، ގިނަ ބަޔަކު ހަރްމަން ސިފަކުރީ ރިތިކް ރޯޝަންގެ "ޑުޕްލިކޭޓެއް"ގެ ގޮތުގަ އެވެ.
އޭނާ އާއި ރިތިކާ ވަރަށް ވައްތަރު ގޮތެއް ހުންނާތީ، އިތުރު ރިތިކެއް ބޮލީވުޑަށް ބޭނުން ނުވާ ކަމަށް ބުނެ، ގިނަ ބަޔަކު ހަރްމަންގެ އެކްޓިން އަށް ވެސް ފާޑު ކިޔާފައިވެ އެވެ.
އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި އަނެއްކާ ވެސް ހަމަ ޕްރިޔަންކާއާ އެކު ކުޅުނު ވަޓްސް ޔޯ ރާޝީ (2009) އާއި ވިކްޓްރީ (2009) ހިމެނެ އެވެ.
ހަރްމަން، 37، އެންމެ ފަހުން ކުޅުނު ފިލްމަކީ ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމިހާ ރާޖް ކުންދުރާ 2014 ގައި ޕްރޮޑިއުސް ކުރި "ޑިޝްކިޔާއޫ" އެވެ.