08 އޮކްޓޯބަރ 2018 - 16:16

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ޖުލައި 18، 2017 ގަ އެވެ. އީސީން އެގޮތަށް ނިންމީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޖުލައި 13، 2017 ގައި ހުކުމަށް ރިއާޔަތްކޮށްފަ އެވެ.
އަމީތުގެ ގޮނޑި ގެއްލުވާލި މައްސަލައިގައި، އީސީއާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރި ހުކުމުގައި ވަނީ މިދިޔަ މާޗް 29، 2017، ގައި އަމީތު ޕީޕީއެމުން ވަކިކޮށް ފިޔަވަޅު އަޅާފައިވާ ކަން ޕީޕީއެމުން އީސީއަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށެވެ.
ހުކުމުގައި ފާހަގަ ކުރި ގޮތުގައި، ޕީޕީއެމްގެ އަސާސީ ގަވައިދުގައި އިސްތިއުނާފް ކުރަން ވަކި މުއްދަތެއް ކަނޑައަޅާފައި އޮންނަ އިރު، އަމީތަކީ އެ ވަގުތު މާލޭގައި ހުންނެވި މެމްބަރެއް ކަމަށް ވިދާޅުވެފައި އޮތުމުން، ޕީޕީއެމުން ވަކި ކުރި މައްސަލަ އިސްތިއުނާފް ކުރަން ލިބޭ 15 ދުވަހުގެ މުއްދަތުގައި އެކަން ކޮށްފައި ނުވާކަން ދައުލަތާއި އަމީތުގެ ވާހަކަތަކުން އެނގެން އޮންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުކުމުގައި ވަނީ ޕީޕީއެމްގެ ދަފްތަރުން އަމީތު އުނިކޮށްދޭން ޖުލައި 10 2017، ގައި ހުށަހެޅި ނަމަވެސް، އުނިކޮށްދީފައި ނުވާ ކަމަށެވެ. އަދި ދަފްތަރުން އުނި ނުކުރި މައްސަލައިގައި ޖުލައި 11، 2017 ގައި މައްސަލައިގެ ފޯމް ވެސް އަމީތު އިލެކްޝަނަށް ހުށަހެޅި ކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުން ޖުލައި 16، 2017 ގައި ނެރުނު އަމުރުގައި މާޒީވެ ދިޔަ ކަންކަމުގެ މައްޗަށް ރުޖޫއަ ނުވާނެ ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު، އެ ތާރީހުން ފެށިގެން ގޮނޑި ހުސްވެއްޖެ ކަމަށް ބަލާނީ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވުމުން ކަން އެނގެން އޮންނަ ކަމަށެވެ. އެ ބުނާ ތިން ހާލަތަކީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާ އުސޫލެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި މައްސަލައިގައި އަމީތު ސޮއި އަނބުރާ ގެންދިއުމަށް ޖުލައި 17، 2017 ގައި އެ ޕާޓީން މުއްދަތެއް ދިނެވެ. އެކަމަކު، އެ މުއްދަތުގައި ވައްޑެގެ ސޮއި ނުގެންދެވުމާ ގުޅިގެން ޕީޕީއެމުން ޖުލައި 18، 2017 ގައި ނިންމީ ޕާޓީން ވަކި ކުރުމަށެވެ. ސުލޫކީ ކޮމިޓީގެ ނިންމުމާއެކު، އަމީތުގެ ވަކިކޮށް ޕީޕީއެމްގެ ދަފްތަރު އުނިކޮށްދޭން އެ ޕާޓީން އީސީ އަށް ހުށަހެޅުމުން އަމީތުގެ ނަން ދަފްތަރުން އުނި ކުރި އެވެ.
ހުކުމުގައި ވަނީ އަމީތުގެ މައްސަލަ ޕީޕީއެމުން އިސްތިއުނާފް ކުރީ އެކަން ކުރުމަށް އަސާސީ ގަވައިދުގައި ބުނާ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށާއި ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ޖުލައި 18، 2017 ގައި އަމީތު ވަކިކުރަން ނިންމީ، ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަން ބެލެވެން ނެތް ކަމަށެވެ.
އެހެންވެ، އަމީތުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ އަމީތު ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ކަން "ސާފުކަން ބޮޑު ގޮތެއްގައި" އެނގެން އޮންނަ ކަމަށެވެ. އަދި އަމީތުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅީ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ.
އަމީތުގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ ހަތަރު މެމްބަރުންގެ އިތުރުން އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ނިންމައިފަ އެވެ. އެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތަސް، އެ މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.