08 އޮކްޓޯބަރ 2018 - 16:57

މެޑްރިޑް (އޮކްޓޯބަރު 8) - އުފަންވި ކުޑަ ކުއްޖަކު ވަގަށް ނެގުމަށް ފަހު، ކުދިން ނުލިބޭ ދެމަފިރިންނަށް ވިއްކި ކަމަށް ތުހުމަތު ކުރެވުނު ސްޕޭނުގެ ޑޮކްޓަރު ކުށްވެރިވި ނަމަވެސް އަދަބެއް ނުލިބި ސަލާމަތް ވެއްޖެ އެވެ.

އެޑްއާޑޯ ވެލާ ނަމަކަށް ކިޔާ އުމުރުން 85 އަހަރުގެ ގައިނޮކޮލިސްޓް ކުށްކޮށްފައިވާ ކަމަށް ކޯޓަށް ވަނީ ސާބިތުވެފަ އެވެ. ނަމަވެސް އަދަބެއް ނުލިބި އޭނާ ސަލާމަތްވީ އެއީ މާކުރިން ހިނގާފައިވާ ކަމަކަށްވާތީ އެވެ.
މިއީ ސްޕޭނުގެ ޚުދުމުޚްތާރު ވެރިޔާ ޖެނެރަލް ފްރެންކޯގެ ވެރިކަމުގައި ކުޑަ ކުދިން ވަގަށް ނެގި އެތައް ހާދިސާއަކުން ސާބިތުވި އެއް ހާދިސާ އެވެ. ވެލާގެ މައްސަލަ ގޮސް ހުއްޓިފައި ވަނީ 1969 ވަނަ އަހަރު ވަގަށް ނެގި އިނެސް މެޑްރިގާލްއާ އެވެ. ނަމަވެސް މެޑްރިގާލް އެ މައްސަލަ ހުށަހަޅާފައި ވަނީ އެޕްރީލް 2012 ގަ އެވެ. މައްސަލަ ހުށަހެޅީ އޭނާގެ އުމުރުން 18 އަހަރު ފުރި ބޮޑު މީހަކަށް 1987 ވަނަ އަހަރުވީ ފަހުން، 25 އަހަރު ފަހުންނެވެ. އެކަމަކު އޭރު ވަނީ މައްސަލަ ހުށަހަޅަން އޮންނަ 10 އަހަރުގެ މުއްދަތު ފަހަނަޅައިފަ އެވެ.
ހުކުމް ކުރުމުގެ ޝަރީއަތަށް މެޑްރިގާލް ހާޒިރުވި ނަމަވެސް ވެލާ ކޯޓަށް ހާޒިރެއް ނުވެ އެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. އެއީ އަހަރެން ވަގަށް ނެގީ އޭނާކަން ސާބިތުވުމުން،" ކޯޓުން ނުކުތުމަށް ފަހު މެޑްރިގާލް، 49، ބުންޏެވެ.
ޕްރޮސެކިއުޓަރުން މަސައްކަތް ކުރީ ވެލާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. މެޑްރިގާލް ބުނީ ޑޮކްޓަރުގެ ކުށަށް އަދަބު ދިނުމަށް ސުޕްރީމް ކޯޓަށް ދާނެ ކަމަށެވެ.
މެޑްރިގާލް ބުނީ އޭނާ މައްސަލަ ހުށަހެޅީ އޭނާ އުޅެ ބޮޑުވީ އަސްލު މައިންބަފައިންގެ ކައިރީގައި ނޫންކަން އެނގުނު ހިސާބުން ކަމަށެވެ. އަދި އެކަން އެނގުނީ އޭނާގެ އެޑޮޕްޓެޑް މައިންބަފައިން ވެލާގެ ކްލިނިކުގައި ކަން ހިނގާފައިވާ ގޮތް ކިޔައިދިނުމުން ކަމަށް ބުންޏެވެ. މެޑްރިގާލްގެ އަސްލު މަންމަ އާއި ބައްޕަ ހޯދިފައެއް ނުވެ އެވެ.