އިންޓަޕޯލްގެ ރައީސްގެ މައްޗަށް ޗައިނާ އިން ކުރަނީ ރިޝްވަތުގެ ތުހުމަތު
އިންޓަޕޯލްގެ ރައީސްގެ މައްޗަށް ޗައިނާ އިން ކުރަނީ ރިޝްވަތުގެ ތުހުމަތު

ބެއިޖިން (އޮކްޓޯބަރު 8) - އިންޓަޕޯލްގެ ވެރިޔާގެ މައްޗަށް ޗައިނާ އިން ތުހުމަތުކޮށްފައި ވަނީ ރިޝްވަތު ނެގުން ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.

ފްރާންސްގެ ލިއޯން އިން މިދިޔަ މަހު 25 ވަނަ ދުވަހު ޗައިނާ އަށް ވަޑައިގެންނެވި ފަހުން އިންޓަޕޯލްގެ ވެރިޔާ މެންގް ހޮންގްވެއިގެ ޚަބަރެއް ނުވެ އެވެ. ޗައިނާ އަށް އުފަން ހޮންގްވެއި އެންމެ ފަހުން ފޮނުވި މެސެޖްގައި ވަނީ މަގާމުން އިސްތިއުފާ ދިން ކަމަށް ވިދާޅުވެފައި ކަމަށް އިންޓަޕޯލް އިން ބުނެފައިވެ އެވެ. ޗައިނާ އިން ފަހުން ވަނީ ހޮންގްވެއި ހައްޔަރުކޮށްފައިވާކަން ޔަގީންކޮށްދީފަ އެވެ.

ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފައި ވަނީ ހޮންގްވެއި ވަނީ ރިޝްވަތު ނަންގަވާފައި ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

"އެއްވެސް މީހަކު އިސްތިސްނާ ނުވެ އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ. ގާނޫނާ ޚިލާފުވާ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދެވޭނެ،" ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޮންގްވެއިގެ އަނބިކަނބަލުން ގްރޭސް މެންގް، ލިއޯންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މެންގް ވަނީ ވަޅިއެއްގެ ފޮޓޯއެއް އޭނާ އަށް ފޮނުވާފައި ކަމަށެވެ. އަދި އެ ވަޅިއަކީ ފިރިކަލުން ނުރައްކަލުގެ ތެރޭގައިވާކަން އެންގުމުގެ ގޮތުން ދިން މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަޕޯލްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން ހޮންގްވެއި އަކީ ޗައިނާގެ ޑިޕިއުޓީ މިނިސްޓަ އޮފް ޕަބްލިކް ސޭފްޓީ އެވެ. ކޮމިއުނިސްޓް ޕާޓީގެ ސީނިއާ އޮފިޝަލެއްގެ މަގާމުގައި ހުންނެވި ހޮންގްވެއި އަކީ ޖިނާއީ އަދުލާއި ޕޮލިސްގެ ދާއިރާގައި 40 އަހަރުގެ ތަޖްރިބާ ހުންނެވި ބޭފުޅެކެވެ.