08 އޮކްޓޯބަރ 2018 - 13:19

ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ނުހިނގާ ކަމަށް، އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވު ކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ހައްގަށް ބުރޫ އަރައި އަދި އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ، ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް އިންތިހާބުގެ ތެރޭގައި ހިނގާފައިނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން ނިމިފައިވާލެއް ރަނގަޅުކަމުން، އެޗުއާރުސީއެމުން ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތް އެ ރިޕޯޓުގައި ފާހަގަ ވެސް ކޮށްފަ އެވެ. އަދި ސަލާމަތީ ބާރުތަކުން ދިން އެއްބާރުލުން ވެސް ފާހަގަކޮށްފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި އެޗުއާރުސީއެމުން ފާހަގަކުރި އެއް ކަމަކީ އިންތިހާބުގެ އޮފިޝަލުންނަކީ ކަމަށް ގާބިލް ބަޔަކަށް ވުމެވެ. އަދި ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އޮފިޝަލުން ހޮވުމާއި އެމީހުންނަށް ދުރާލާ ތަމްރީން ދޭން ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެޗުއާރުސީއެމުން އިލްތިމާސްކޮށްފައި ވަނީ އިންތިހާބުތަކާ ގުޅުން ހުރި ގާނޫނުތަކަށް، އިންތިހާބުތަކާ ކައިރިކޮށް ބަދަލު ނުގެނައުމަށެވެ. އަދި ކެމްޕެއިންގައި އެއް ބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް އިހުތިރާމު ކުރަން ވެސް ރިޕޯޓްގައި އެދިފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.
އެކަމަކު ޕީޕީއެމުން ގެންދަނީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ، ކޮންމެ ރެއަކު އަޑުއުފުލަމުންނެވެ. އަދި ރައީސް ޔާމީން ވެސް ވަނީ ނަތީޖާއާ މެދު ސުވާލު އުފައްދަވައިފަ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި އިންތިހާބު އޮބްޒާވުކުރި ހުރިހާ ފަރާތްތަކުން ވެސް ބުނަމުން އަންނަނީ އިންތިހާބުގެ ނަތީޖާ ބަދަލުވެދާނެ ފަދަ މައްސަލައެއް ނެތް ކަމަށެވެ.