ކޯޗު ވަކިކުރުމުގެ ވާހަކަދައްކަން މާ އަވަސް: ރާމޯސް
ކޯޗު ވަކިކުރުމުގެ ވާހަކަދައްކަން މާ އަވަސް: ރާމޯސް

މެޑްރިޑް (އޮކްޓޯބަރު 8) – ރެއާލް މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގް މަގާމުން ވަކިކުރުމުގެ ވާހަކަތައް ދައްކަން އަދި މާ އަވަސް ކަމަށާއި ރެއާލް މެޑްރިޑުގެ ޒަމާން ދިއައީ ކަމަށް ދުށުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ލިބިފައިނުވާއިރު ލަނޑެއް ވެސް ނުޖެހެ އެވެ. މިދިޔަ ތިން އަހަރު އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒައިނުއްޒީން ޒިދާނާއި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ދައްކާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"އަހަރެމެން އެބަޖެހޭ މިކަންކަން ބަދަލުކުރަން. ސީޒަން ވަރަށް ދިގު. ބައިވަރު މެޗުތައް އެބައޮތް އަދި،" ރާމޯސް ބުންޏެވެ. "އެކަމަކު ދިގު މުއްދަތުގައި، މެޑްރިޑަށް ނުވާނެ ކަމަށް ދެކޭ މީހުން އެ ހަދަނީ ގޯހެއް."

ރާމޯސް ބުނީ ލަނޑު ނުޖެހޭ ވާހަކަ ބޮޑަށް ދެކެވެނީ ރޮނާލްޑޯ ނެތުމުން ކަމަށް ވެދާނެ ކަމަށާއި އެކަމަކު އޭނާ ހުރިއިރު ވެސް ގޯލް ޖެހުމުގެ ބައި ދަށްވާ ދުވަސް ދިޔަ ކަމަށެވެ.

މެޑްރިޑުގެ ކޯޗު ލޮޕެޓީގާ މެދު ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ބައެއް ކުޅުންތެރިން ވެސް ތިބީ ހިތްހަމަނުޖެހިފައި ކަމަށްވެ އެވެ. އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮތީ ގޯލްކީޕަރުންގެ މައްސަލައިގަ އެވެ. ރެއާލުން އަންނަނީ އެ ޓީމުގައި ތިބި ދެ ކީޕަރުން ކަމަށްވާ ކޮސްޓަ ރިކާގެ ކޭލޯ ނަވާސް އާއި ބެލްޖިއަމްގެ ތިބައު ކޯޓުއާ އަށް ވެސް ފުރުސަތު ދެމުންނެވެ. ލޮޕެޓީގް ވަނީ އޭނާގެ އެއް ވަނަ ކީޕަރެއް ނުހުންނާނެ ކަމަށް ބުނެފަ އެވެ. އަދި އެއް ވަނަ ކީޕަރެއް ކަނޑައަޅާފައި ނެތުމުން ޓީމުގެ ޑިފެންޑަރުންނަށް މެޗުތަކަށް ތައްޔާރުވުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ކުޅުންތެރިންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ރާމޯސް ބުނީ އާއްމު އުސޫލުން ބަލާއިރު ކޯޗު ބަދަލުކުރުމަކީ މި ވަގުތު މޮޔަކަމަކަށް ވާނެ ކަމަށެވެ.

"ބައެއް ފަހަރު ކޯޗުން ބަދަލުކުރުމަކީ ރަނގަޅު ކަމެއް. އަނެއް ބައި ފަހަރު ގޯހެއް. އެކަމަކު އަދި މާ އަވަސް އެ ވާހަކަ ދައްކަން. އަނެއްކާ އެއީ ކުޅުންތެރިންގެ އަތްމަތީގައި އޮތް ކަމެއް ވެސް ނޫން،" ރާމޯސް ބުންޏެވެ.