08 އޮކްޓޯބަރ 2018 - 11:11

މެޑްރިޑް (އޮކްޓޯބަރު 8) – ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ހުރީ އެއް އަހަރުގެ ޗުއްޓީއެއްގައި ކަމަށާއި އޭނާ މެންޗެސްޓާ ޔުނައިޓެޑާ ހަވާލުނުވާނެ ކަމަށް އޭނާގެ އޭޖޭންޓް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމުގެ ވަގުތު ގާތްވެފައިވާ ކަމަށް ބެލެވިފައިވާއިރު އެ މަގާމަށް ދެން ގެންނާނެ ކަމަށް ލަފާކުރެވެނީ ޒިދާނެވެ. އެގޮތުން އޭނާ ޔުނައިޓެޑާ ހަވާލުވެ، ގެންނާނެ ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ވެސް ވާހަކަތައް ދެކެވުނެވެ.
އޭޖެންޓް އެލައިން މިގްލިއާޝިއޯ ބުނީ ޒިދާން ވަރުބަލިވެފައިވާ ކަމަށާއި އޭނާ އެއް އަހަރުގެ ޗުއްޓީއެއް ނަގަން ނިންމާފައިވާ ކަމަށެވެ.
"އެ ނިންމުން ބަދަލެއް ނުކުރާނެ. އަނެއްކާ އަހަންނަށް ހީނުވޭ އޭނާ އިންގްލެންޑަށް ދާނެހެން. އެއީ އޭނާގެ ސްޓައިލެއް ނޫން. އަހަރެން ޒިދާނާ ވާހަކަދައްކައިފިން. ޒިދާން އެހާ ގަޔާއެއް ނުވޭ،" އޭޖެންޓް ބުންޏެވެ.
ޔުވެންޓަސް އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ޒިދާން ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު ރެއާލް މެޑްރިޑުގައި އޮތީ ނުހަނު ވަރުގަދަ ޓީމަކަށް ވާތީ ކޯޗިންގައި ޒިދާންގެ ހަގީގީ ފެންވަރު ވަޒަންކުރެވޭނީ އެހެން ޓީމަކާ ހަވާލުވުމުން ކަމަށް ދެކޭ މީހުން ވެސް އުޅެ އެވެ.