08 އޮކްޓޯބަރ 2018 - 11:32

ލިޔޯން (އޮކްޓޫބަރު 8) - ފްރެންޗް ލީގުގައި ރޭ ލިޔޯން އަތުން ޕީއެސްޖީ 5-0 އިން މޮޅުވި މެޗުގައި އެ ޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިފި އެވެ.
ރޭގެ މޮޅާ އެކު ޕީއެސްޖީން ވަނީ ލީގުގައި 82 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ. ފްރާންސް ލީގުގެ ފުރަތަމަ އަށް މެޗުން މޮޅުވެ 1936 ވަނަ އަަހަރުގެ ސީޒަނުގައި ލިލް އިން ވަނީ ރެކޯޑެއް ހަދައިފަ އެވެ. ޕީއެސްޖީން އެ ރެކޯޑް މުގުރާލީ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ ނުވަ މެޗުން މޮޅުވެގެންނެވެ.
ޕީއެސްޖީ އަށް ރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ލީޑުނަަގައިިދިނީ ލިބުނު ޕެނަލްޓީ އަކުން ނޭމާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އަށް މައްސަލަތައް ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފެށުނުތަނުން ލިޔޯންގެ ލޫކަސް ޓޫސާޓަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން ޕީއެސްޖީ އަށް ހަމަޖެހުމެއް ލިބުނެވެ.
އެމްބާޕޭ ހަތަރު ގޯލު ޖެހީ މެޗުގެ 61 ވަނަ މިނިޓުން ފެށިގެން 74 ވަނަ މިނިޓާ ދެމެދު އެވެ. މިއީ ފްރާންސް ލީގުގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި އެއް ކުޅުންތެރިއަކު އެންމެ ގިނަ ގޯލު ޖެހި ފަހަރެވެ. މެޗަށް ފަހު އުމުރުން 19 އަހަރުގެ އެމްބާޕޭ ބުނީ މި މެޗުގައި އޭނާ އަށް އިތުރު ގޯލު ވެސް ޖެހުނީސް ކަމަށެވެ.
"އަހަންނަށް އިތުރު ގޯލުތަކެއް ވެސް ޖެހުނީސް. ހަމައެކަނި ހަތަރު ގޯލެއް ނޫން. މިއީ މުޅި ޓީމުގެ މަސައްކަތް. އަހަރެން މަސައްކަތްކުރަނީ އަބަދުވެސް މުޅި ޓީމަށް ފައިދާވާ ކުޅުމެއް ދައްކަން،" އެމްބާޕޭ ބުންޏެވެ.
މި ފަހަރުގެ ފްރާންސްގެ މޮޅު ކުޅުންތެރިއާގެ މަގާމަށް އެމްބާޕޭއާ އެންމެ ގާތުން ވާދަކުރަނީ އެންޓޮއިން ގްރީޒްމަން އެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެމްބާޕޭ އަކީ އަދި ޒުވާން ކުޅުންތެރިއެއް ނަމަވެސް މިހާރު އޭނާ ހުރީ އެންމެ މަތީ ލެވެލްގައި ކަމަށާއި މި ވަގުތު ފްރާންސްގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އެމްބާޕޭ ކަމަށެވެ.