އަންހެން ފުޓްބޯޅަ ކުރިއަރުވަން ޕްލޭނެއް އެކުލަވާލަނީ
އަންހެން ފުޓްބޯޅަ ކުރިއަރުވަން ޕްލޭނެއް އެކުލަވާލަނީ

ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއަރުވަން ޕްލޭނެއް އެކުލަވާލައިފާވާ ކަމަށާއި ބޭރު ފަރާތްތަކުގެ ބޮޑެތި އެހީތަކާ އެކު އަންހެން ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް އަަހަރުތަކުގައި ކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އެހާ ގިނަ މަސައްކަތެއް މިދިޔަ ދެ އަހަރެއްހާ ދުވަހު ނުފެނެ އެވެ. އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ރަނގަޅު މުބާރާތެއް ވެސް ބޭއްވިފައިނުވެ އެވެ. ސަރަހައްދީ މުބާރާތްތަކަށް ޓީމުތައް ދިޔައީ ގައުމީ ލެވެލްގައި ރަނގަޅު މެޗުތަކެއް ނުކުޅެ އެވެ. ނަތީޖާތައް ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.

މިދިޔަ އަހަރު އެފްއޭއެމުން ވަނީ އަންހެން ފުޓްބޯލް ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއެއް މިހާރު އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަކީ. ޕްލޭނެއް މި އެކުލަވާލަނީ ކުރިއަށް މި އޮތް ހަތަރު އަހަރު ނޫނީ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންގެ އަންހެނުން މެދުގައި އެންމެ މަގުބޫލު ކުޅިވަރަަކަށް ފުޓްބޯޅަ ކަމަށް ހެދުމަށް،" މިދިޔަ ހަފްތާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަަދަ ތަރައްގީ އަށް ބޭނުންވާ ގިނަ ޕްރޮޖެކްޓްތަކަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާ ކަމަށެވެ.

"ޕްލޭންތަކެއް ހަދައި ފީފާ އާއި އޭއެފްސީ އަދި އޭގެ އިތުރުން ޔޫއެފާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން. ވަރަށް ބޮޑު ދެ ޕްރޮޖެކްޓް ޔުއެފާ އިން މިހާރު ވެސް އެޕްރޫވް ކޮށްދީފި. މިއީ ވަރަށް ބައިވަރު އެހީގެ ވާހަކަ މި ދައްކަނީ،" ސާންތީ ވިދާޅުވި އެވެ.

އަންހެން ފުޓްބޯޅަ ޓީމުތައް ކުރިއެރުވުމަށް އެކި ލެވެލްގައި އެފްއޭއެމުން މަސައްކަތްކުރާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެ ކަންތައްތައް ފެށުމުގެ ގޮތުން މި ފަހަރު ބޫޓާނުގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރި އެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުން ބޫޓާނާއި އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ވަނީ ބަލިވެފަ އެވެ.

"އަންހެން ފުޓްބޯޅަ އިރާދަކުރެއްވިއްޔާ ވަރަށް ކުރިއަރާނެ. މިހާރު 19 އަހަރުން ދަށުގެ ޓީމު ބޫޓާނަށް ގޮސްފައި އެ އައީ. އެއީ އަލަށް އެ އުމުރުފުރާގެ ޓީމެއް ގޮސްފައި އެ އައީ،" ސާންތީ ބުންޏެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފަހު މެޗަށް ފަހު ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވެސް ވަނީ އަންހެން ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ރޭވިފައިހުރި ކަމަށާއި އުޖާލާ މުސްތަގުބަލެއް އެބައޮތް ކަމަށް ބުނެފަ އެވެ. ފުރަތަމަ ޑިވިޝަނުގައި އަންހެން ޓީމުތަކެއް ބާއްވަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެފްއޭއެމުން ވަނީ އަންނަ އަހަރު އަންހެން ކުޅުންތެރިން އުފައްދަން އެކެޑަމީއެއްގެ މަސައްކަތް ފަށަން ނިންމައިފަ އެވެ.

"އަންނަ އަހަރު ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން މާލޭގައި އަންހެން ފުޓްބޯޅަ އެކެޑަމީއެއް ގާއިމްކުރާނަން. އެއީ ހަ އަހަރާއި 13 އަހަރާ ދެމެދުގެ. މީގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ އެފްއޭއެމްގެ ހާއްސަ ބެލުމުގެ ދަށުން،" އޭނާ ވިދާޅުވި އެވެ.

ކަންތައްތައް ހާސިލްކުރުމަށް ވަގުތު ނަގާނެ ކަމަށާއި އެފްއޭއެމްގެ ވެސް އޮތީ ދުރު ރާސްތާ ޕްލޭނެއް ކަމަށް ސާންތީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައީސް (ބައްސާމް) ދެއްވާފައި އޮތް މެންޑޭޓަކީ އަވަހަށް ނަތީޖާ ނެރުމެއް ނޫން. މި ޕްރޮޖެކްޓްތައް ކާމިޔާބުވާން ހަތަރު އަހަރު ނަގާނެ. މިދިޔަ ހަތަރު އަހަރު މިކަންތައްތައް އޮތީ ހުއްޓިފައި. މިހާރު މި ފަށަނީ އަލުން. މީތި ޕޮޒިޓިވްކޮށް ގެންދެވިއްޖިއްޔާ މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މީގެ ނަތީޖާ ފެންނާނީ ހުރިހާ އެންމެން އެއް ވިސްނުމެއްގައި ފުޓްބޯޅައިގެ ކުރިމަގަށް މަސައްކަތް ކޮށްގެން ކަމަށެވެ.