10 އޯގަސްޓް 2016 - 12:52

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރަން ނިންމައިފި އެވެ.
މުންދު ޖަޕާނުގެ ސަފީރު ކަމަށް އައްޔަން ކުރަނީ އެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ހަލީލްގެ ސަފީރުކަމުގެ މުއްދަތު ހަމަވުމުންނެވެ.
އަހުމަދަކީ ސަފީރުކަން ކުރުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަހުމަދުގެ ބަދަލުގައި ސަފީރުކަމަށް މުންދު ހަމަޖައްސަން ނިންމެވިކަން މުންދު ވެސް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި މުންދު ވިދާޅުވީ ޖަޕާންގެ ސަފީރަކަށް އައްޔަން ކުރަން ނިންމުމާ ގުޅިގެން އެކަން ގަބޫލު ކުރައްވާފައިވާ ކަމަށެވެ.
މިއީ ފޮރިން ސާވިސްގެ ދާއިރާގައި މުންދު މަސައްކަތް ކުރަން ފައްޓަވަން ނިންމެވި ފުރަތަމަ ފަހަރެވެ.
"ރާއްޖޭން ބޭރާ ގުޅުން ހުރި ކަންކަން ކުރަމުން އައި މީހެއް އަޅުގަނޑަކީ، އަޅުގަނޑަކާ ބީރައްޓެހި ދާއިރާއެއް ނޫން މިއީ. ހާރިޖީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަހަރު،" މުންދު ވިދާޅުވި އެވެ.
ޖަޕާންގެ ސަފީރަކަށް މުންދު އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމާ ގުޅިގެންނެވެ. ނަމަވެސް މުންދުއަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވިކަން އަދި ސާފެއް ނުވެ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޮކްޓޯބަރު 25، 2015 ގަ އެވެ. އެގޮތުން އޭނާ ވަނީ މިނިސްޓަރުކަން ކުރެއްވި ދުވަސްތަކުގައި ހާރިޖީ ގުޅުންތައް ބަދަހިކުރުމަށާއި ބޭރުގެ އެހީ ހޯދުމާއި އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރައްވައިފަ އެވެ.
މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް އިން ފިލޯސަފީ ހާސިލް ކުރައްވައިފަ އެވެ.