08 އޮކްޓޯބަރ 2018 - 10:44

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދު މެދުކަނޑާލައިފި އެވެ.

ހައުސިން މިނިސްޓްރީން ފޯމު ބަލައިގަތުން މިއަދު މެދުކަނޑާލީ، އެ މަޝްރޫއުގައި ސުވާލު އުފެދޭ ކަންތައްތަކަކާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ތަހުގީގުކުރާތީ އެކަން ކުރިއަށް ނުގެންދަން އަންގާފައި ވަނިކޮށެވެ. ފޯމު ބަލައިގަތުން މިއަދު ހުއްޓާލިއިރު، ގޯތި ގަންނަން ފޯމު ހުށަހަޅަން ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީގައި ކިޔޫ ހަދައިގެން ތިއްބެވެ.
ހަތަރު ލައްކަ ރުފިޔާގެ ރޭޓުން، ހުޅުމާލެ އިން 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ކުއްލިއަކަށް އިއުލާންކުރުމާ އެކު އެކަން ހުއްޓާލަން އޭސީސީން އެންގި އެވެ. އެކަމަކު އިއްޔެ ހަވީރު 4:00 ގައި ފޯމު ދޫކުރަން ފެށީ، އެ އެންގުމާ ޚިލާފަށެވެ.
މި މަޝްރޫއު އިއުލާންކުރައްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ އިން ވިއްކާ 400 ގޯއްޗަށް ފައިސާ ދައްކަން ވެސް ސަރުކާރުން ނިންމާފައި ވަނީ ވަރަށް ލުއި ގޮތަކަށް ކަމަށެވެ. އެއީ އެއްފަހަރާ ފައިސާ ނުދެއްކޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކައި 10 އަހަރަށް ބަހާލައިގެން ބާކީ ބައި ދެއްކުން ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން އެންމެ ފުރަތަމަ ބިން ވިއްކި އިރު އެންމެ ކުޑަ އަގަކަށް ހަމަޖެއްސީ އަކަފޫޓަކަށް 3،000ރ އެވެ. އެ އަގުން ބަލާ ނަމަ މިހާރު ހައުސިން އިން އެ އިއުލާންކުރި ބިމަކަށް އަސްލު ތިން މިލިއަން ރުފިޔާ ޖެހެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބުނާ ގޮތުގައި 400 ގޯތި ދޫކުރަނީ ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ހޯދައިދިނުމަށެވެ.
މިފަހަރު ގޯތި ވިއްކަން މި ހުޅުވާލީ ނުއަގުގައި ކަމަށް ބުނެ އެއް ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
މި މަޝްރޫއު ސަރުކާރުން މި އިއުލާން ކުރީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަައިވާތީ އެއްވެސް އައު މަޝްރޫއެއް ނުފަށަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ.