08 އޮކްޓޯބަރ 2018 - 08:59

ލިވަޕޫލް (އޮކްޓޫބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ ރަށުން ބޭރުގައި 3-0 އިން ސައުތެމްޓަން ބަލިކުރިއިރު، ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު އިންޓަނޭޝަނަލް ބްރޭކަށްދާއިރު ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އާއި ދެ ވަނައިގައި އޮތް ޗެލްސީ އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ އަށް މެޗުން 20 ޕޮއިންޓެވެ. ސިޓީ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އިއްޔެ ފުލަމް އަތުން 5-1 އިން މޮޅުވި އާސެނަލް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް ޓޮޓެންހަމާ އެއްވަރަށް އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗު ފަށައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ގޯލާ ސީދާނުވެ ދިޔައިރު، މި ހާފުގައި ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ކުރި ފައުލަކަށް ސިޓީން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ދެ ޓީމުން މަސައްކަތްކުރީ މެދުތެރެއިން ކޮންޓްރޯލް ނަގައިގެން އެޓޭކް އުފެއްދުމަށެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ސިޓީ މޮޅުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ރިޔާދު މާރޭޒަށެވެ. ލިބުނު ޕެނަލްޓީ އަކުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މިއީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ސިޓީގެ ލެރޯއި ސާނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އިރުޝާދުދޭ ޓީމުތަކާ ދެކޮޅަށް ކުޅުނު އަށް މެޗުން ލިބިފައިވަނީ އެންމެ މޮޅެކެވެ. އަދި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ސިޓީ އެންމެ ފަހުން ލިވަޕޫލް ދަނޑުގައި މޮޅުވީ 2003 ވަނަ އަހަރު އެވެ. ގާޑިއޯލާ ބުނީ ރޭގެ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރެމެން މި ދަނޑުގައި މޮޅުނުވެ 40 ނޫނީ 50 އަހަރުވެފައި ވެސް ގޮސްފި. އެންމެ ފަހުން އަހަރެމެން (ލިވަޕޫލާ ދެކޮޅަށް) ކުޅުނު މެޗުތަކުން ބަލިވީ. ތެދެއް ވަރަށް ރަނގަޅު ނަތީޖާ އަކަށްވާނެ އަހަރެމެން އެންފީލްޑްގައި މޮޅުވިނަމަ. އެކަމަކު މިިދިޔަ އަހަރު މި ދަނޑުގައި ބަލިވެފައި މި އަހަރު އެއްވަރުވުމަކީ އަންނަ އަހަރު މޮޅުވުމަށް ލިބޭނެ ހިތްވަރެއް،" ގާޑިއޯލާ ބުންޏެވެ.
ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބެ އެވެ. ލީގު ކަޕްގައި ޗެލްސީ އަތުން ބަލިވިއިރު، ލީގުގައި ވަނީ ޗެލްސީއާ އެއްވަރުވެފަ އެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު ނަޕޯލީ އަތުންވީ ބައްޔެވެ. ރޭގެ މެޗަށް ފަހު ކްލޮޕް ބުނީ ނަތީޖާ ނުކުތީ ބޭނުންވި ގޮތަށް ނޫން ނަމަވެސް އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.
"އަހަރެމެން ބޭނުންވީ މޮޅުވާން. އެކަމަކު އިދިކޮޅަށް ނުކުތް ސިޓީގެ ފެންވަރު އަހަރެން ނުބުނެދިނަސް އެންމެނަށް އެނގޭނެ. މިއީ ކިހާ މުހިއްމު ނަތީޖާއެއްކަން އެނގޭނެ ސީޒަން ފަހު ކޮޅުގައި. މި ވަގުތަށް ވެސް އަހަރެން ހިތްހަމަ ޖެހޭ،" ކްލޮޕް ބުންޏެވެ.
ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އަށް ލީޑުނަގައިދިނީ އެޑެން ހަޒާޑް އެވެ. ދެ ވަނަ ލަނޑު ރޮސް ބާކްލީ ކާމިޔާބުކުރިއިރު، ތިން ވަނަ ލަނޑު ހަޒާޑް ދިން ބޯޅައަކުން ޖެހީ އަލްވާރޯ މޮރާޓާ އެވެ.
ފުލަމް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްގެ ދެ ފޯވާޑުން ކަމަށްވާ ޕިއޭ އެމެރިކް އޮބާމަޔަން އާއި އަލެކްސަންޑަ ލަކަޒޭޓް ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ އާރޮން ރަމްސޭ އެވެ. ފުލަމްގެ ލަނޑު ޖެހީ ޖަރުމަނު ގައުމީ ޓީމާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވާޑް އަންދްރޭ ޝޫލާ އެވެ.