ހުޅުމާލޭން ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް: ނިހާން
ހުޅުމާލޭން ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް: ނިހާން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ފެށުމުން، އެކަން މަޑުޖައްސާލަން އޭސީސީ އިން މިއަދު އަންގާފައި ވަނިކޮށް އެ މަޝްރޫ ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ނިހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރޭގައި ބޯހިޔާވަހިކަން ނުލިބި ވަރަށް ހާލުގައި އުޅޭ ރައްޔިތުން ތިބި ކަމަށެވެ. އެފަދަ ފަރާތްތަކަށް ކުޑަ އަގެއްގައި 1،000 އަކަފޫޓް ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭ ދެ ވަނަ ފިޔަވަހި ހިއްކާފައިވަނީ ރައްޔިތުންނަށްޓަކައި... އެމީހުންނަށްޓަކައި ރައީސް ޔާމީން ސަރުކާރުން ރަނގަޅު ގޮތެއް ހައްދަވައިދެއްވުމަށް ދަންނަވަން. ގޯތި ދޭންވީ މި މީހުނަށް،" ނިހާން ވިދާޅުވި އެވެ.

ހަތަރުލައްކަ ރުފިޔާގެ ރޭޓުން، ހުޅުމާލެ އިން 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކުރުމާ އެކު އެ މަޝްރޫއު މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފަ އެވެ. އެކަމަކު އެ އެންގުމަށް އަމަލުކުރުމެއް ނެތި، ހައުސިން މިނިސްޓްރީން މިހާރު ގެންދަނީ ފޯމް ދޫކުރަމުންނެވެ.

ގޯތިތައް ދޫކުރުން މަޑުޖައްސާލަން އޭސީސީން އަންގާފައިވަނިކޮށް ނިހާން ވަނީ، ގޯތި ގަތުމުގެ ފޯމް އެޓޭޗްކޮށް ޓްވީޓެއް ކުރައްވައި އެފޯމް ފުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ނިހާން ވިދާޅުވީ ބިން ހިއްކަނީ ރައްޔިތުންނަށްޓަކައި ކަމަށާއި އަތޮޅު ތެރޭގައި ހިއްކާފައިވާ ބިންތަކުންވެސް ގޯތި ދޫކުރަން ޖެހޭ ކަމަށެވެ.

މި މަޝްރޫއު ހުއްޓާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހުޅުމާލޭން 400 ގޯތި ދޫކުރަން ހުޅުވައިލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލި އިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މި މަޝްރޫއު ސަރުކާރުން މި އިއުލާން ކުރީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަައިވާތީ އެއްވެސް އައު މަޝްރޫއެއް ނުފަށަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ. މި މައްސަލައިގައި، ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން، އަހްމަދު ލަތީފް ވެސް މިއަދު ވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.