07 އޮކްޓޯބަރ 2018 - 17:12

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ފެށުމުން، އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހައުސިން މިނިސްޓްރީ އަށް އަންގާފައި ވަނިކޮށް ވެސް ގޯތި ވިއްކުމުގެ ފޯމު ދޫކުރަމުން އެބަދެ އެވެ.
ހަތަރުލައްކަ ރުފިޔާގެ ރޭޓުން، ހުޅުމާލެ އިން 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކުރުމާ އެކު އެ މަޝްރޫއު މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފަ އެވެ. އެކަމަކު އެ އެންގުމަށް އަމަލުކުރުމެއް ނެތި، ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ފޯމު ދޫކުރަމުންނެވެ.
ފޯމު ނެގުމަށް އެ މިނިސްޓްރީ ދޮށުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔޫ ހަދައިފަ އެވެ. އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ޑައުންލޯޑް ވެސް ކުރެވެން އެބަހުއްޓެވެ.
އޭސީސީން އެ މަޝްރޫއު ހުއްޓާލަން އަންގާފައި ވަނިކޮށް ފޯމު ދޫކުރަމުން ދިއުމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
މި މަޝްރޫއު އިއުލާންކުރަން ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލެ އިން ވިއްކާ 400 ގޯއްޗަށް ފައިސާ ދެއްކުމަށް ވެސް ސަރުކާރުން ނިންމާފައި ވަނީ ވަރަށް ލުއި ގޮތަކަށް ކަމަށެވެ. އެއީ އެއްފަހަރާ ފައިސާ ނުދެއްކޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކައި 10 އަހަރަށް ބަހާލައިގެން ބާކީ ބައި ދެއްކުން ކަމަށް ވެސް ވިދާޅުވި އެވެ.
ބޭނުމަކީ، ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ހޯދައިދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއު ހުއްޓާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހުޅުމާލޭން 400 ގޯތި ދޫކުރަން ހުޅުވައިލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލި އިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އެހެންވެ ކޮމިޝަނުން އެދުނީ، އެ މައްސަލަ ބަލައި ވަކި އެއްޗެއް އަންގަންދެން 400 ގޯތި ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށެވެ.
މި މަޝްރޫއު ސަރުކާރުން މި އިއުލާން ކުރީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަައިވާތީ އެއްވެސް އައު މަޝްރޫއެއް ނުފަށަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ. މި މައްސަލައިގައި، ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން، އަހްމަދު ލަތީފް ވެސް މިއަދު ވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.