07 އޮކްޓޯބަރ 2018 - 15:56

ނިއު ދިއްލީ (އޮކްޓޯބަރު 7) - ރާމާމަކުނެއްގެ އަތުން ބަސް ދުއްވަން ދިން އިންޑިއާގެ ޑްރައިވަރު ސަސްޕެންޑް ކޮށްފި އެވެ.
ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގައި ބަހުގެ ހުންގާނާ ރާމާމަކުނު ހަވާލުވިއިރު އެ ބަހުގައި 30 ޕަސިންޖަރުން ތިއްބެވެ. ސަރުކާރުގެ ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަނުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ހޯމަ ދުވަހު ކަމަށެވެ. އެކަމަކު ބަސް ދުއްވަން ރާމާމަކުނަކަށް ދިންކަން އެނގުނީ އެ ވީޑިއޯ ވައިރަލްވުމުންނެވެ. ވީޑިއޯ ނަގާފައި ވަނީ ބަހުގައި އިން ޕަސިންޖަރެކެވެ.
"ރާމާމަކުނު އަތަށް ބަސް ދުއްވަން ދިން 36 އަހަރުގެ ޑްރައިވަރު މިހާރު ވަނީ މަސްއޫލިއްޔަތުން އެއް ފަރާތްކޮށްފައި،" ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ތަރުޖަމާން ޓީ.އެސް ލަތާ ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ރާމާމަކުނު ބަހަށް އެރީ ޕަސިންޖަރަކާ އެކު އެވެ. ނަމަވެސް ރާމާމަކުނު ވަނީ ވީލްގައި ނޫން ތަނެއްގައި އިށީނުމަށް ދެކޮޅު ހަދައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރާމާމަކުނު ހުންގާނު ދޫކޮށްލީ އޭގެ މަންޒިލާ ހަމައަށް ވާސިލުވުމުންނެވެ.