10 އޯގަސްޓް 2016 - 11:17

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 10) - އޮލިމްޕިކްސްގެ ސިންގަލްސް އިވެންޓުން ވެސް ކަޓައި ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިއާ ސެރީނާ ވިލިއަމްސް އަށް މި ފަހަރުގެ އޮލިމްޕިކްސް ނިމިއްޖެ އެވެ.
ސެރީނާ ވަނީ އެންމެ ފަހުން ލަންޑަންގައި 2012 ވަނަ އަހަރު އޮތް އޮލިމްޕިކްސްގެ ސިންގަލްސް އާއި ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ ގޭމްސްގެ ޑަބަލްސް އިވެންޓުން އޭނާ އާއި ކޮއްކޮ ވީނަސް ވިލިއަމްސް ކެޓީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ސިންގަލްސް އިވެންޓުން ރޭ ސެރީނާ ކެޓީ ޔޫކްރޭނުގެ އެލީނާ ސްވިޓޮލިނާ އަތުން ބަލިވެގެންނެވެ. ރޭގެ މެޗުގެ ތެރެއިން ސެރީނާގެ ކޮޑު ހުޅަން އަނިޔާވިއިރު، މެޗުގެ ބޮޑު ބައި އޭނާ ކުޅުނީ އަނިޔާގައި ހުރެ އެވެ. ދުނިޔޭގެ 20 ވަނައިގައި އޮތް ސްވިޓޮލިނާ މެޗުގެ ސެޓުތައް ދިޔައީ 6-4, 6-3 އިންނެވެ.
އުމުރުން 34 އަހަރުގެ ސެރީނާ ބުނީ ސްވިޓޮލިނާ އަށް މި މެޗުން މޮޅެއް ހައްގުވާ ކަމަށެވެ.
"މެޗު ކާމިޔާބުކުރީ މޮޅަށް ކުޅުނު ކުޅުންތެރިޔާ ސްވިޓޮލިނާ. މިއީ އަހަރެންނަށް ގެއްލިގެން ދިޔަ ވަރަށް ރަނގަޅު ފުރުސަތެއް. ރަން މެޑެއްޔަކާ އެކު ނިންމާލަން ކުރި އުއްމީދަށް ނިމުމެއް މިއައީ. އަނިޔާގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު،" ސެރީނާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއީ ސެރީނާގެ ފަހު އޮލިމްޕިކްސް އެވެ. އޭނާ ވަނީ މިހާތަނަށް އޮލިމްޕިކްސްގައި ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭނާ 2000 ވަނަ އަހަރުގެ ސިޑްނީ އޮލިމްޕިކްސް އިން އެއް މެޑަލް ހޯދިއިރު 2008 ގެ ބެއިޖިން އޮލިމްޕިކްސްގެ ޑަބަލްސް އިންނާއި 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި އެވެ.
މި ފަހަރުގެ އޮލިމްޕިކްސްގެ އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ޖާގަހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިއެކެވެ.
ފިރިހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން އެންމެ ފަހުން ރަން މެޑަލް ހޯދި އެންޑީ މަރޭ އާއި 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ރަފައެލް ނަޑާލް ވަނީ ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ.