މަކުނު ލައްވައި "ބަސް ދުއްވުމުން" ވަޒީފާ އިން ސަސްޕެންޑްކޮށްފި
މަކުނު ލައްވައި "ބަސް ދުއްވުމުން" ވަޒީފާ އިން ސަސްޕެންޑްކޮށްފި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭ ބަހެއްގައި ޑްރައިވަރަކު، ބަހުގެ ހުންގާނު މައްޗަށް މަކުނެއް އަރުވައިގެން އެސޮރު ލައްވައި "ބަސް ދުއްވި" މައްސަލައެއްގައި ޑްރައިވަރު ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

އެ ބަހުގައި އިން މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ފެންނަނީ ހުންގާނު މަތީގައި މަކުނު ބައިންދައިގެން މަކުނު "ލައްވައި ބަސް ދުއްވާ" ކަހަލަ ގޮތަކަށް އިންދަ އެވެ. އަދި މަކުނުގެ ގައިގައި އޭނާ ލޯބިން ފިރުމާތަން ވެސް ވީޑިއޯ އިން ފެނެ އެވެ. ބެލެވޭ ގޮތުން މިއީ ޑްރައިވަރު އޮޅުކޮށްގެން ގެންގުޅޭ މަކުނެކެވެ.

މި ވީޑިއޯ ވައިރަލްވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް ޑްރައިވަރަށް އަމާޒުވުމުން، ބަސް އޮޕަރޭޓް ކުރާ ކަރްނާޓަކާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން (ކޭއެސްއާރްޓީސީ) އިން ވަނީ މައްސަލަ ތަހުގީގުކުރަން ނިންމައި، ތަހުގީގު ނިމެންދެން އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މަހުގެ އެއް ވަނަ ދުވަހު ހިނގި މި ހާދިސާއަކީ ބަހުގައި ތިބި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ އަމަލެއް ކަމަށެވެ.

ޑްރައިވަރަށް ފާޑުކީ ބައެއް މީހުން ބުނީ އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި މަގުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގަނީ މި ކަހަލަ ޒިންމާދާރުކަން ކުޑަ މީހުންނާ ހެދި ކަމަށެވެ. އަދި ފިލްމުތަކުން މި ކަހަލަ މަންޒަރުތައް ފެނުނަސް މިއީ ހަގީގީ ދިރިއުޅުމުގައި ކުރަން ހެޔޮވާ ވަރުގެ ކަހަލަ ކަންކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ނަމަވެސް ޑްރައިވަރަށް އެޅި ފިޔަވަޅަށް ފާޑުކީ މީހުން ބުނީ އޭނާގެ ފަރާތުން ފެނުނީ ޖަނަވާރުން ދެކެ ލޯބިވާ ކަމުގެ މިސާލެއް ކަމަށެވެ.