08 އޮކްޓޯބަރ 2018 - 07:35

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސޯޝަލް މީޑިއާގައި ޖޯކުޖަހާ މީހުންނަށް އަނެއްކާވެސް އާ ކަމެއް ލިބުނީ އެވެ. މިފަހަރު މިކަން ފެށުނީ ޓްރަމްޕް މަތިންދާބޯޓަށް އަރާވަޑައިގެން އިރު ބޫޓުގައި "ޓޮއިލެޓް ޕޭޕަރެއް" ތަތްވެފައި އޮތުމުންނެވެ.
ކާރުން ފައިބާވަޑައިގެން އެއާ ފޯސް ވަންގެ މަތިންދާބޯޓަށް ޓްރަމްޕް އަރާވަޑައިގަންނަވާ އިރު، ކަނާތު ބޫޓްގެ ކިބައިގައި ހުދު ޓިޝޫއެއް ތަތްވެ ވަޔާ ހޫރެ އެވެ. މީހުން ބުނަނީ އެއީ ޓޮއިލެޓް ޕޭޕަރު ކަމަށެވެ.
ޓްރަމްޕްގެ އަރިހުގައި ވަޑައިގެންނެވި ބައެއް ބޭފުޅުންނަށް އެ މަންޒަރު ފެނިވަޑައިގަތް ނަމަވެސް އެކަމަށް އެއްވެސް ސަމާލު ކަމެއް ނުދެއްވަ އެވެ. އެހެންވެ ޓްރަމްޕަށް އެނގިވަޑައިނުގެން ހުންނަވައި، މީޑިއާގެ ކެމެރާތަކުގެ ކުރީގައި ހިންގަވާފައި ވަޑައިގަތީ ޓިޝޫއަކާ އެކުގަ އެވެ.
މި ވީޑިއޯ އަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވަނީ ޓްރަމްޕްގެ ބޫޓްގައި ތަތްލާފައި އޮތް ޓިޝޫއަކީ ފާހާނާ އިން ނުކުމެވަޑައިގެންނެވި އިރު، ބޫޓްގައި ހަރުލި އެއްޗަކަށް ވެދާނެ ކަމަށެވެ. އަދި ކުނިގަނޑު އޮތީ އޮންނަންވާ ތަނުގައި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މިއީ އެމެރިކާގެ މިހާރުގެ ޒައާމަތުގެ އަސްލު ހާލަތު ކަމަށް ބުނެ ވެސް ބައެއް މީހުން ވަރަށް ބޮޑަށް ހަޖޫ ޖަހާފައިވެ އެވެ.