07 އޮކްޓޯބަރ 2018 - 10:40

މާލީ މައްސަލަތައް ދިމާވެ، އެންމެ ފަހުން ކުޅުނު މެޗަށް ވެސް ހާޒިރުނުވެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި އެވެ.
ދެ މެމްބަރުންގެ އިސްތިއުފާ މިއައީ ކްލަބް އަޅުން ހަމަމަގަށް އެޅުވުމަށް ކްލަބުގެ އިސް ބައެއް މެމްބަރުންތަކެއް މަސައްކަތްތަކެއް ކުރަމުން އަންނަނިކޮށެވެ. އެގޮތުން ވިކްޓަރީން ވަނީ މުހައްމަދު ނަޒީހު ކޯޗަކަށް ހަމަޖައްސައި މިއަދު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ. މީގެ ދެ މަހެއްހާ ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލި ފަހުން އެ ޓީމުން ޕްރެކްޓިހެއް ނުކުރެ އެވެ. ލީގު އަލުން ފަށައި ކުޅުނު ފުރަތަމަ މެޗަށް އެ ޓީމު ނުކުތީ ވެސް ޕްރެކްޓިހެއް ނުކޮށެވެ.
ވިކްޓަރީގެ މެނޭޖަރު އަހުމަދު ގާލިބް ބުނީ ލީގުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ވިކްޓަރީ ނުކުންނާނެ ކަމަށެވެ. ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅެން އެ ޓީމު ހާޒިރުނުވި މައްސަލަ އެފްއޭއެމުން އަންނަނީ ބަލަމުންނެވެ. މުސާރަ މައްސަލަ ނުދިނަސް ކުޅުންތެރިން ތިބީ މެޗު ކުޅެން ތައްޔާރުގައި ކަމަށާއި މެޗަށް ހާޒިރުނުވީ ކްލަބް ހިންގަން ތިބި އެކްޓިވް ބައެއް ބޯޑު މެމްބަރުންގެ އެންގުމަށް ކަމަށް ގާލިބް ވަނީ ބުނެފަ އެވެ.
ކްލަބް މިވަގުތު ހިންގުމުގައި އިސްކޮށް އުޅޭނީ ވައިސް ޗެއާމަން އިބްރާހިމް ނަޒީމެވެ. އޭނާ ވިދާޅުވީ ކްލަބް މި ހާލަތުގައި އޮއްވާ ކްލަބް ދޫކޮށްލާފައި ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ނުވިއޭ ކިޔާފައި އިސްތިއުފާ ދީފައި ދާން ބޭނުންނުވާތީ މިހިރީ. ޗެއާމަނާއި އަނެއް ވައިސް ޗެއާމަންގެ އިސްތިއުފާއާ އެކު އަޅުގަނޑާ ޓީމު ހަވާލުވެފައި މިއޮތީ،" ނަޒީމް ބުންޏެވެ.
ވިކްޓަރީން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ނަޒީހު ކޯޗަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ލާސްލޯ ކިސް ފުރައިގެން ދިއުމުންނެވެ. އޭނާ ދިޔައީ މުސާރަ ނުދޭތީ އާއި ޕްރެކްޓިސް ވެސް ނުފަށާތީ ކަމަށް އެނގިފައިވެ އެވެ. އެކަމަކު ގާލިބް ބުނީ ކިސް ފޮނުވާލަން ނިންމީ ކްލަބުން ކަމަށާއި ލީގުގެ ފުރަތަމަ ތިން މެޗުގެ ނަތީޖާ ދަށްވުމުން ކޮންޓްރެކްޓް އުވާލާފައިވާނެ ކަމަށެވެ.
ކްލަބުން އިސްތިއުފާ ދެއްވި މުހައްމަދު އިސްމާއިލާއި އަލީ އާރިފް އެ ކްލަބުގެ މަގާމްތަކަށް އިންތިހާބުވީ މިދިޔަ މާޗް މަހު ބޭއްވި ވިކްޓަރީގެ އިންތިހާބުގަ އެވެ. ކްލަބް ހަމަމަގަށް އެޅުވުމުގެ ވައުދުތަކެއްވީ ނަމަވެސް މިހާތަނަށް ޓީމު ތެރޭގައި ޖެހިފައިވާ ގިނަ މައްސަލަތަކަށް އޮތީ ހައްލެއް ނުލިބި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބުރާސްފަތި ދުވަހު ވިދާޅުވީ ވިކްޓަރީ އަށް މިހާލަތު ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ މާލީ ހާލަތު ދަށްވުން ނޫން ކަމަށާއި މިއީ ޓީމު ރަނގަޅު ގޮތުގައި ނުހިންގި އޮތުމުން ނިކުމެފައިވާ ނަތީޖާއެއް ކަމަށެވެ.
"ރާއްޖޭގައި ވަރަށް ކުލަގަދަ ތާރީހެއް އޮތް ކްލަބެއް މެޗަކަށް ހާޒިރުނުވެގެން މިދިޔައީ އަޅުގަނޑު ދަންނަވާނީ މިއީ ހިންގަން ތިބި ބަޔެއްގެ ދޯދިޔާކަމޭ. އެއީ އެ ކްލަބާ އެއްކޮށް ސަރުކާރުން އެގްރިމެންޓް ހެދި ކުންފުނިން އޮތީ ހުރިހާ ފައިސާއެއް ދީފައި އެ ގޮތަށް މައުލޫމާތު ލިބެނީ. މި އުޅެނީ ލިބެންވާ ފައިސާއެއް ނުލިބިގެނެއް ނޫން. ބޭނުންވަނީ ކްލަބް ދެކެ ލޯބިވާ ފަރާތްތަކެއް އެބަޖެހޭ ކްލަބްތައް ހިންގުމާ ހަވާލުވާން. ކްލަބެއް ބޭނުންކޮށްގެން އެހެން ފައިދާތަކެއް ނެގުމުގެ މަގްސަދު ދޫކޮށްލަން އެބަޖެހޭ. އެކަން ދޫކޮށްލާފައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.
ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.