08 އޮކްޓޯބަރ 2018 - 07:41

"ޓްވައިލައިޓް" ގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތަކެކެވެ. "ޓްވައިލައިޓް" ގެ ސާގާގެ ގޮތުގައި ފަސް ފިލްމެއް އުފައްދާފައި ވާއިރު، މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ފަސް ފިލްމަށް ބޮކްސް އޮފީހުގައި 3,346,157,056 ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މިއީ މަޝްހޫރު ލިޔުންތެރިޔާ ސްޓެޕެނީ މެޔާ ކިޔައި ދިން ވެމްޕަޔާ ލޯބީގެ ސިލްސިލާއެކެވެ. ޓްވައިލައިޓް" ގެ ފިލްމުތައް ކުޅެގެން އޭގެ ލީޑް ދެ ތަރިން ކަމަށްވާ ރޮބަޓް ޕެޓިސަން އާއި ބަތަލާ ކްރިސްޓެން ސްޓެވާޓް އަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ވެސް ލިބުނެވެ.
"ޓްވައިިލައިޓް" ސާގާގެ ފުރަތަމަ ފިލްމު ސިނަމާތަކަށް ގެނައިތާ 10 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މި ސާގާގެ ފިލްމުތައް އަލުން މި މަހު ސްކްރީނަށް ގެންނަން ވަނީ ނިންމައިފަ އެވެ. ތިން ދުވަހަށް ދެމިގެންދާ ގޮތަށް "ޓްވައިލައިޓް" ގެ ފަސް ފިލްމު މި މަހުގެ 21-23 އަށް އެމެރިކާގެ ސިނަމާތަކުގައި ދައްކާނެ އެވެ.
ފޭންޑޭންގޯ އިން މިހާރު އޮންލައިންކޮށް ޓިކެޓް ވިއްކަމުން އަންނަ އިރު، ވިއްކާ ކޮންމެ ޓިކެޓަކާ އެކު "ޓްވައިލައިޓް" ސާގާގެ ޕޯސްޓަރެއް ވެސް ހިލޭ ލިބޭނެ އެވެ.
"ޓްވައިލައިޓް" ގެ ފުރަތަމަ ފިލްމު ސިނަމާތަކަށް އައީ ނޮބެމްބަރު، 21، 2008 ގަ އެވެ. ދެވަނަ ފިލްމު 2009 ގައި ރިލީޒް ކުރި އިރު، ތިން ވަނަ ފިލްމު ސްކްރީން ކުރީ 2010 ގަ އެވެ. އަދި ހަތަރު ވަނަ ފިލްމު 2011 ގައި ގެނެސް ދިން އިރު ފަސް ވަނަ ފިލްމު ރިލީޒް ކުރި 2012 ގަ އެވެ.
"ޓްވައިލައިޓް" ސާގާގެ ފިލްމުތައް ޑައިރެކްޓްކޮށްފައި ވަނީ ކެތުރިނ ހާޑްވިކް، ކްރިސް ވެއިޒް، ޑޭވިޑް ސްލޭޑް އަދި ބިލް ކޮންޑޮން އެވެ.
މަޝްހޫރު ޓީވީ ސިލްސިލާ "ވޯކިން ޑެޑް" ގައި ހާޝެލް ގްރީންގެ ރޯލް ކުޅުނު އެކްޓަރު ސްކޮޓް ވިލްސަން މަރުވެއްޖެ އެވެ. ކެންސަރު ބަލީގައި އޭނާ މަރުވި އިރު، އުމުރަކީ 76 އަހަރެވެ. ސްކޮޮޓްގެ މަރުގެ ހަބަރު "ވޯކިން ޑެޑް" ގެ ޓްވިޓާގައި ހޮނިހިރު ދުވަހު ހިއްސާކޮށް، ހިތާމަފާޅުކޮށް، އޭނާގެ ހަނދާންތައް އާކޮށްފައިވެ އެވެ.
ސްކޮޓް މަރުވި އިރު، ކާސްޓްގައި ސްކޮޓް ވެސް ހިމެނޭ ގޮތަށް "ވޯކިން ޑެޑް" ގެ ނުވަ ވަނަ ސީޒަން އާދީއްތަ ދުވަހު ވަނީ ދައްކަން ފަށައިފަ އެވެ. ޓީވީ ސިލްސިލާތަކުގެ އިތުރުން ސްކޮޓްއަކީ ވަރަށް ގިނަ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ހޮސްޓައިލްސް" އެވެ.
ސްކޮޓްގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ޑެޑް މޭން ވޯކިން" އާއި "ޕާލް ހާބާ" އަދި "ދަ ލާސްޓް ސަމުރާއީ" ހިމެނެ އެވެ.
މާވެލްގެ ފިލްމުތަކުގައި ކެޕްޓަން އެމެރިކާގެ ރޯލް ކުޅެމުން އަންނަ ކްރިސް އިވެންސް "އެވެންޖާޒް" ސީރީޒްގެ ހަތަރު ވަނަ ފިލްމާ އެކު، ކެޕްޓަން އެމެރިކާގެ ރޯލަށް އަލްވަދާއު ކިޔައިފި އެވެ. "އެވެންޖާޒް 4" ގެ ޝޫޓިން ނިންމައިލުމަށް ފަހު، އޭނާ ކްރިސް ކުރި ޓްވީޓެއްގައި ބުނީ އޭނާއާ އެކު މިހާތަނަށް މަސައްކަތް ކުރި އެންމެންނަށާއި އޯޑިއަންސަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ނިންމައިލި ދުވަހަކީ ވަރަށް ވެސް ޖަޒުބާތީ ދުވަހެއް ކަމަށް ބުންޏެވެ.
ކެޕްޓަން އެމެރިކާގެ ރޯލް 37 އަހަރުގެ އެކްޓަރު ކުޅެމުން އަންނަނީ 2011 ގެ "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާޒް" އިން ފެށިގެންނެވެ.
އޭގެ ފަހުން އެވެންޖާޒް (2012)، ކެޕްޓެން އެމެރިކާ: ދަ ވިންޓަ ސޮލްޖާ (2014)، އެވެންޖާޒް: އޭގް އޮފް އަލްޓްރޯން (2015)، ކެޕްޓަން އެމެރިކާ: ސިވިލް ވޯ (2016) އަދި މި އަހަރު ރިލީޒްކޮށް، ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެންޖާޒް: އިންފިނިޓީ ވޯ" ގެ އިތުރުން މާވެލްގެ ބައެއް ފިލްމުތަކެއްގައި ވެސް ކްރިސް ވަނީ ކެޕްޓަން އެމެރިކާގެ ރޯލު ކުޅެފަ އެވެ.
"އެވެންޖާޒް 4" ސިނަމާތަކަށް އަންނާނީ މެއި، 3، 2019 ގަ އެވެ.
ކުރިއަށް ހުރި ކްރިސްގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ބައޮގްރަފިކަލް ޑްރާމާ "ދަ ރެޑް ސީ ޑައިވިން ރިސޯޓް" އެވެ. މިއީ ރެސްކިއު އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ އިޒްރޭލްގެ އިންޓެލިޖެންސް އެޖެންސީ މޮސާޑްގެ އެޖެންޓުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.