07 އޮކްޓޯބަރ 2018 - 09:11

މެޑްރިޑް (އޮކްޓޯބަރު 7) – ފަހު ވަގުތު މަނޫ ގާސިއާ ވައްދާލި ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވެސް 1-0 އިން ގަދަފަދަ ރެއާލް މެޑްރިޑް ބަލިކުރުމާ އެކު، އެ ޓީމަށް މޮޅެއް ނުލިބި ހަތަރު ވަނަ މެޗު ނިންމާލަން ޖެހިއްޖެ އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގްގެ މުސްތަގުބަލާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި އަލަވެސް އަތުން ބަލިވެ އެތުލެޓިކޯ މެޑްރިޑާ އެއްވަރުވިއިރު ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. މީގެ އެއްވެސް މެޗެއްގައި ލަނޑެއް ވެސް ނުޖެހެ އެވެ.
މި މޮޅާ އެކު އަލަވެސް އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާ އެއްވަރަށް، 14 ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތްއިރު މެޑްރިޑް އޮތީ ދެ ވަނައިގަ އެވެ. ބާސެލޯނާ އަށް މިރޭ ވެލެންސިއާ އަތުން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާކުރަން މިވަނީ ފުރުސަތު ލިބިފަ އެވެ.
އަލަވެސްގެ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ގާސިއާ ބޮލުން ވައްދާލި ގޯލާ އެކު އެ ޓީމު ހޯދި މި މޮޅަކީ ލީގުގައި ރެއާލް މެޑްރިޑް އަތުން 1931 ގެ ފަހުން މޮޅުވި ފުރަތަމަ ފަހަރެވެ.
މިދިޔަ ތިން އަހަރު މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާނާއި މިދިޔަ އަށެއްކަ އަހަރު އެތައް ގޯލްތަކެއް ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ދައްކާ ކަމަށް ބައެއް ސަޕޯޓަރުން ދެކެ އެވެ. ސްޕެއިން ގައުމީ ޓީމު ގޮވައިގެން ވޯލްޑް ކަޕަށް ގޮސް ހުރެ މެޑްރިޑާ ހަވާލުވާން އެއްބަސްވުމުން ސްޕެއިނުން ވަކިކުރި ލޮޕެޓީގާ އެކު މެޑްރިޑުން މެޗުގެ ކޮންޓްރޯލް ހޯދި ނަމަވެސް ލަނޑު ޖެހުމާއި ނަތީޖާ ނެރުމުގައި ވަނީ ފެއިލްވެފަ އެވެ. ބެލެވެނީ ކުރިއަށް އޮތް ދެ މެޗެއްގައި ނަތީޖާ ނުނެރެވިއްޖެ ނަމަ އޭނާ ވަކިކުރާނެ ކަމަށެވެ.