08 އޮކްޓޯބަރ 2018 - 07:38

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލޭޝް ކޭރަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
"ތޭރީ ދީވާނީ" ފަދަ މަގުލޫބު ލަވަތައް ކިޔާފައިވާ 45 އަހަރުގެ ލަވަކިޔުންތެރިޔާ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ ބޮމްބޭ ޓައިމްސްގައި ކުރިން ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ނަތާޝާ ހެމްރަޖާނީ އެވެ.
އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން، ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި ނަތާޝާ ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާ އަށް ކައިލާޝްގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިވީ 2006 ގައި ކަމަށެވެ.
އޭނާ ބުނީ ކައިލާޝްގެ ގެއަށް އޮފީހުގެ އިތުރު މުވައްޒަފަކާ އެކު ދިޔައީ އޭނާގެ އިންޓަވިއުއަކާ އެކު ފޮޓޯތަކެއް ނަގަން ކަމަށެވެ. ނަތާޝާ ބުނި ގޮތުގައި އިންޓަވިއުގެ ތެރޭގައި ކައިލާޝް އެ މީހުންނާ ވަރަށް ގާތުގައި އިށީނދެ، ލައިގެން އިން ސްކާޓްމަތިން ފަލަމަސްގަނޑުގައި އަތްލަމުން ދިޔަ ކަމަށެވެ. އަދި އެކަމާ ވަރަށް އުނދަގޫވެ، ޖެހިލުންވި ކަމަށް ބުންޏެވެ.
ނަތާޝާ ބުނި ގޮތުގައި އިންޓަވިއު ނިންމާލައިފައި ނުކުމެ، ކައިލާޝްގެ އަމަލުތައް ހުރި ގޮތުގެ ވާހަކަ ނޫހުގައި ޝާއިއުކުރަން އެކުވެރިޔާއާ ހިއްސާ ކުރި އެވެ. އެކަމަކު އެ ވާހަކަ ނޫހުން ޖަހައިނުދޭނެ ކަމަށާއި އެ ވާހަކަ ދައްކައިފި ނަމަ އެއީ މަޝްހޫރު މީހެއްގެ އަގު ވައްޓާލަން ދެއްކި ދޮގު ވާހަކަތަކެއް ގެ ގޮތުގައި ގިނަ ބަޔަކު ދެކޭނެ ކަމަށް އެކުވެރިޔާ ބުނި ކަމަށް ނަތާޝާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަންހެނުން މިފަދަ ވާހަކަތައް ނުދައްކައި ސިއްރުކޮށްގެން ތިބެނީ އެ މީހުންގެ އަބުރަށް ވެސް ލިބިދާނެ ހުތުރަކަށްޓަކަ އެވެ. އޭނާ އަށް ވެސް ކަންތައް ދިމާވީ އެގޮތަށް ކަމަށް ބުންޏެވެ.
ކައިލާޝްގެ ވާހަކަ ހިއްސާ ކުރުމުގެ އިތުރަށް ނަތާޝާގެ ޓްވީޓްތަކުގައި ވަނީ ކުރީގެ މޮޑެލް އަދި "ޗުޕް ކޭ ސޭ" އާއި "މިސްޓަ ހޮޓް އެންޑް ކޫލް" ފަދަ ފިލްމުތައް ކުޅުނު އެކްޓަރު ޒުލްފީ ސައިދުގެ ފަރާތުން ވެސް ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ޒުލްފީގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނީ ކްރޫޒް ލައިނާއެއްގައި އޮތް އިވެންޓެއް ކަވަރު ކުރަން ގޮސް އުޅުމުގެ ތެރޭގަ އެވެ.
އެ ހާދިސާ ކިޔައި ދެމުން ނަތާޝާ ބުނީ ޒުލްފީގެ ކޮޓަރި ތެރޭގައި އޭނާއާ ގަދަކަމުން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށާއި ސަލާމަތްވެވުނީ ކިރިޔާ ކަމަށެވެ.