07 އޮކްޓޯބަރ 2018 - 09:14

މިއުނިކް (އޮކްޓޫބަރު 7) - ފޯމު ގެއްލުމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވެފައިވާ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިފައިވާއިރު އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ޖަރުމަނު ލީގުގައި ރޭ ބަޔާން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 3-0 އިން ބަލިވެފަ އެވެ. މިއީ 2015 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން ޕްރެޝަރު އެބައޮތް ކަަމަށް ކޮވަޗް ވަނީ ބުނެފަ އެވެ.
"ފުޓްބޯޅަ އަކީ ޕްރެޝަރު ބޮޑު ކުޅިވަރެއް. އަމުުދުން ބޮޑެތި ކްލަބްތަކުގައި އެ ޕްރެޝަރު އިތުރުވާނެ. އަހަރެމެންގެ ވަކި ވަކި ކުޅުންތެރިންނަށް އެކި ހާލަތްތަކުގައި ހެދޭ ގޯސްތަކެއްގެ ސަބަބުން މިހެއް މި ވަނީ. އެންމެން ވެސް މަސައްކަތް އެބަކުރޭ. އެކަމަކު ޓީމެއްގެ ގޮތުގައި އެ ވަރަށް މަސައްކަތް ނުކުރެވޭތީ މިހެން މިވަނީ،" މި ސީޒަނުގައި ބަޔާނާ ހަވާލުވި ކޮވަޗް ރޭގެ މެޗަށް ފަހު ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ މޮންޗެންގްލަޑްބެކް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އަލެކްސަންޑަ ޕްލެއާ ޖެހިއިރު، އަނެއް ގޯލު ޖެހީ ލާސް ސްޓިންޑަލް އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މޮންޗެންގްލަޑްބެކްގެ ތިން ވަނަ ގޯލު ޖެހީ ޕެޓްރިކް ހާމަން އެވެ.
ބަޔާން މި ވަގުތު އޮތީ ކުޅުނު ހަތް މެޗުން 13 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. މި ހަފްތާގައި ލިޕްޒިގު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބަޔާން ހަޔަކަށް ވެއްޓޭނެ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ރޭ އޮއުސްބާގް އަތުން 4-3 އިން މޮޅުވި ޑޯޓްމަންޑް އެވެ. އެ ޓީމަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.
ޑޯޓްމަންޑް ދަނޑުގައި ކުޅުނު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެ ޓީމުގެ ޕަކޯ އަލްކަސޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ މާރިއޯ ގޮޓްޒާ އެވެ. އޮއުސްބާގުގެ ގޯލުތައް ޖެހީ އަލްފްރެޑް ފިންބޮގަސަން އާއި ފިލިޕް މެކްސް އަދި ގްރެގޮޓްރީސް އެވެ.