08 އޮކްޓޯބަރ 2018 - 07:39

"ދަ ކަޕިލް ޝަރްމާ ޝޯ" ހުއްޓައިލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެ ޝޯއާ އެކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ކަޕިލް ބުނެފި އެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ ސޮނީ ޗެނެލުން ވަރަށް އަވަހަށް ޝޯ ގެނެސްދޭން ފަށާނެ ކަމަށެވެ. ކަޕިލްގެ މި ވާހަކަ ވެގެން ދާނީ އޭނާގެ ޝޯ ހުއްޓައިލުމުން މާޔޫސްވެފައި ތިބި ފޭނުންނަށް ހިނިތުންވުން ގެނެސްދޭނެ ކަމަކަށެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ދަ ކަޕިލް ޝަރްމާ ޝޯ" އަލުން ގެނެސް ދިނުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް، ޝޯ ދައްކަން ފަށާނެ އިރެއް އަދި ނޭނގެ އެވެ.
"ކަޕިލް ޝަރްމާ ޝޯ" މިދިޔަ އަހަރުގެ ތެރޭގައި ހުއްޓައިލުމަށް ފަހު، މި އަހަރު ކުރީކޮޅު ސޮނީން ވަނީ "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ގެ ނަމުގައި އާ ޝޯއެއް ގެނެސް ދީފަ އެވެ. އެކަމަކު އެއަށް އާންމުންގެ ތަރުހީބެއް ނުލިބުމާއި ޝޯގެ ދެތިން އެޕިސޯޑެއް ގެނެސް ދިންތަނާ ޝޯ އަށް ކަޕިލްގެ ފަރާތުން ވެސް އެއްބާރުލުން ނުލިބި، އެ ޝޯ ޖެހުނީ ކުއްލި ގޮތަކަށް ހުއްޓައިލާށެވެ.
އޭގެ ފަހުން ދެން އަޑު އިވިގެން ދިޔައީ ކަޕިލް ޑިޕްރެޝަނަށް ގޮސް، ރަލަށް ދެވި ހިފައި، ސިއްހީ ގިނަ މައްސަލަތެއްގެ ތެރޭގައި އުޅޭ ވާހަކަ އެވެ. މިކަންތައްގަނޑުގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ފަލަވެ، ކުރިން ހުރި ސިފަ ވެސް ވަނީ މުޅިން ބަދަލުވެފަ އެވެ. ނަމަވެސް ފަރުވާ ހޯދުމަށް ފަހު، ކަޕިލް މިހާރު އަންނަނީ ފިޓްވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެހެންވެ އެނބުރި އަލުން ޝޯ އަށް އަންނަ އިރު، ކުރީގެ ކަޕިލް "އަސްލު ފޯމު" ގައި ފެންނާނެ ކަމަށް އުންމީދު ކުރެވެ އެވެ.
"ދަ ކަޕިލް ޝަރްމާ ޝޯ" އަކީ އިންޑިއާގެ ޗެނެލްތަކުން ގެނެސް ދެމުން ގެންދިޔަ ޝޯތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޝޯ އެވެ.