06 އޮކްޓޯބަރ 2018 - 23:48

އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ އަތުން 5-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ތާވަލުގެ ދެ ވަނަ އަށް އަރައިފި އެވެ.
އެ ޓީމު އެ މަގާމުގައި އޮތީ 14 ޕޮއިންޓާ އެކު އެވެ. އެކަމަކު ތިން ވަނައިގައި މިހާރު 13 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓަށް ހޯމަ ދުވަހު ވިކްޓަރީ އަތުން މޮޅުވެ އަލުން ދެ ވަނަ އަށް އެރޭނެ އެވެ. އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބެވެ. ފޯކައިދޫ އޮތީ އަށް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
އީގަލްސް އިން މި މެޗުގައި ކުޅުނީ މި ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ނުލަ އެވެ. އެ ކްލަބުން ވަނީ މާލީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ދެ ކުޅުންތެރިން ފޮނުވާލައިފަ އެވެ.
މިރޭގެ މެޗުގައި ޖެހި ތިން ގޯލާ އެކު އީގަލްސްގެ ރިޒޭ މިވަނީ ދެ މެޗުން ހަތް ގޯލް ޖަހައިފަ އެވެ. އޭނާ ވަނީ މި މެޗުގެ ކުރިން ކުޅުނު މެޗުގައި ތ. ތިމަރަފުށި އަތުން އީގަލްސް 9-0 އިން މޮޅުވި މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.
ރިޒޭ ވަނީ މިރޭ ދެ ވަނަ މިނެޓުގައި ލީޑު ނަގައިދީފަ އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ހިފައިގެން، ފޯކައިދޫގެ ޑިފެންޑަރު ކައިރިން ނައްޓައި އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން އީގަލްސް އިން ފުލުފުލުގައި ތިން ހަމަލާއެއް ފޮނުވާލިއިރު ފޯކައިދޫގެ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބުގެ މަސައްކަތް ފާހަގަކުރެވުނެވެ. އީގަލްސްގެ ދެ ވަނަ ގޯލް 19 ވަނަ މިނެޓުގައި ޖެހީ ހުސެއިން ސިފާއު ޔޫސުފް (ކްރޯ) އެވެ. ހަސަން ރާއިފް (ހަންނަ) ހުރަސްކުރި ބޯޅަ ކްރޯ ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.
ރިޒޭ ވަނީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އަދި ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ދެ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ފޯކައިދޫގެ އުއްމީދީ ކުޅުންތެރިޔާ މުހައްމަދު ޖައިލަމް (އޮގީ) އަށް ރަނގަޅު ދެ ފުރުސަތެއް ލިިބި ބޭކާރުވިއިރު ފޯކައިދޫ އަށް ގޯލް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއާ އެކު އެވެ. އެކަމަކު މަހުމޫދު ސައީދު ގޯލުގެ މަތީ ކަނާ ދިމާލަށް ފޮނުވާލި ބޯޅަ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ހުށިޔާރުކަމާ އެކު މަތަކުރި އެވެ.
އީގަލްސްގެ ފަހު ގޯލް 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުސައްނިފް މުހައްމަދެވެ. އީގަލްސްގެ ހަމަލައެއް ހުއްޓުވަން ފޯކައިދޫން ކުރި މަސައްކަތުގައި ރަނގަޅަށް ސާފުކޮށްނުލެވުނު ބޯޅަ ލިބުމުން އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި ވަރުގެ ސްކޯލައިނަކަށް އުއްމީދުނުކުރާ ކަމަށާއި އެކަމަކު ޓީމު ރަނގަޅު ރޫހެއްގައި އޮތުމުން، މޮޅަކަށް ވަރަށް ބޮޑަށް އުއްމީދުކުރި ކަމަށެވެ. އަދި މެޗުގެ ކުރީކޮޅު ގޯލް ޖެހުމުގެ ފައިދާކުރި ކަން ވެސް މޯހަން ފާހަގަކުރި އެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ބުނީ އެންމެ ބޮޑު މައްސަލައަކަށްވީ މެޗުގެ ކުރީކޮޅު ގޯލެއް ވަނުން ކަމަށާއި އެ ގޯލަށް ފަހު ހަމަޔަކަށް ނޭޅެނީސް އީގަލްސް އިން އިތުރު ގޯލެއް ޖެހުމުން ފުރުސަތު ގެއްލުނީ ކަމަށެވެ. އަދި މެޗުން ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށް ވެސް އޭނާ ބުންޏެވެ.