07 އޮކްޓޯބަރ 2018 - 07:09

އެމެރިކާގެ ދެމަފިރިއަކު ފުޓްބޯޅަ ސީޒަނަށް ޓިކެޓް ގަންނަން އެއް އަހަރުތެރޭ ރައްކާކުރި 1000 ޑޮލަރު އެ މީހުންގެ ދެ އަހަރުގެ ދަރިފުޅުގެ އަތުގައި ޖެހުމާ އެކު ޝްރެޑަރަށް ލައި ކޮށާލައިފި އެވެ.
ޔޫއެސްއޭ ޓުޑޭ އިން ބުނި ގޮތުގައި ބެން އާއި ޖެކްލީ އެއްކުރި 1000 ޑޮލަރު ސިޓީއުރަކަށް ލައި ފޮރުވާފައި އޮއްވައި ގެއްލިގެން ހޯދަނިކޮށް ފެނުނީ ޝްރެޑަރު ތެރޭ ކުދިކޮށް ކޮށިފައި ހުއްޓަ އެވެ.
އުމުރުން ދެ އަހަރުގެ ލިއޯ އަށް މި ފައިސާތައް ފެނުނީ ކިހިނެއް ކަމެއް ދެމަފިރިންނަކަށް ނޭނގެ އެވެ. އެ މީހުން މީޑިއާގައި ބުނި ގޮތުގައި 1،060 ޑޮލަރު ލާފައި އޮތް ސިޓީއުރަ ހަމަ ކުއްލިއަކަށް ގެއްލުނީ އެވެ. ދެން ފެނުނީ ޝްރެޑާ ތެރޭގައި ޑޮލަރުތައް ކޮށާލާފައި ހުއްޓަ އެވެ.
ބެން ވަނީ އޭނާގެ ދަރިފުޅު ލިއޯ އާއި ޝްރެޑަރަށް ލާފައި ހުރި ޑޮލަރުތަކުގެ ފޮޓޯއެއް ޓްވީޓްކޮށް މި ވާހަކަ ކިޔައިދީފަ އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބުނެވެ.
މި ޑޮލަރުތައް ހަލާކު ވިޔަސް އަދި އުންމީދެއް ނުގެއްލެ އެވެ. ހަލާކުވާ ފައިސާ ބަދަލުކޮށްދޭ އޮފީހުން އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި މި ފައިސާ ދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފައިވެ އެވެ.