10 އޯގަސްޓް 2016 - 10:05

ސަލްމާން ޚާންގެ އާ ފިލްމް "ޓިއުބުލައިޓް"ގެ މަސައްކަތް އިންޑިއާގެ ލަޑާކްގައި މިހާރު ފަށައިގެން ކުރިއަށް އެބަދެ އެވެ. މި ފިލްމުގެ ބަތަލާއަކަށް ހަމަޖެހިފައިވާ އެކްޓަރަކާ ބެހޭ ގޮތުން ތަފާތު ވާހަކަތައް މީގެ ކުރިން މީޑިއާގައި ދެކެވިފައި ވިޔަސް ކުރިން ވާހަކަ ދެކެވުނު އެއްވެސް ބަތަލާއަކަށް މި ފިލްމު ލިބޭ ގޮތެއް ނުވި އެވެ. ފިލްމުގެ ބަތަލާއަކަށް ހަމަޖެހިފައި ވަނީ ޗައިނާގެ ޒޫ ޒޫ އެވެ.

ޒޫ ޒޫ އާއި ސަލްމާން އެކުގައި ލަޑާކްގައި ނަގާފައިވާ ފޮޓޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
ޒޫ ޒޫ އަކީ މީގެ ކުރިން ބައެއް އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި ވަޓް ވިމެން ވޯންޓް، ޝަންހައި ކޯލިން، ދަ މޭން ވިތު ދަ އަޔަން ފިސްޓް އަދި ލާސްޓް ފްލައިޓް ހިމެނެ އެވެ.
ޒޫ ޒޫ އަކީ ޗައިނާގައި ވަރަށް މަޝްހޫރު ބަތަލާއެކެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އޭނާ ދަންނަ ގިނަ ބަޔަކު މިހާރު އެބަތިއްބެވެ.
މޮޅު ބަތަލާއެއްގެ އިތުރުން ޒޫ ޒޫ އަކީ އާދަޔާ ޚިލާފު ރީތި އެކްޓަރެކެވެ. މޭކަޕް ނުކޮށް ހުންނައިރު ވެސް އޭނާ ރީތިކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މީގެ ކުރިން މި ފިލްމަށް ދީޕިކާ ޕަދުކޯން، ކެޓުރީނާ ކައިފް ފަދަ ބަތަލާއިން ހަމަޖެހިފައިވާ ކަމުގެ ޚަބަރުތައް ފެތުރިފައި ވިޔަސް ފުރަތަމަ ދުވަހުން ފެށިގެން ވެސް ފިލްމުގެ ޑައިރެކްޓަރު ކަބީރް ޚާން ހޯދަމުން ދިޔައީ ޗައިނާގެ ބަތަލާއެއް ކަމަށްވެ އެވެ. ސަބަބަކީ މި ފިލްމު ބިނާކޮށްފައި ވަނީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ ހަނގުރާމަ ކުރި ދުވަސްވަރު ސަލްމާނާއި ޒޫ ޒޫގެ ކެރެކްޓާ އަށް ލޯބިވެވިގެން ހިނގާ ހާދިސާތަކެއްގެ މައްޗަށް ކަމަށް ވާތީ އެވެ.
ޒޫ ޒޫ އޮގަސްޓް ތިން ވަނަ ދުވަހު އިންޑިއާ އަށް ގޮސްފައި ވާއިރު ހިންދީ ދަސްކުރުމަށް ކޯޗިން ކްލާސްތަކެއް މިހާރު ދަނީ ނަގަމުންނެވެ. އަދި ބުދަ ދުވަހުން ފެށިގެން ސަލްމާނާ އެކު ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.