ގެއްލުނު ނޫސްވެރިއާ އަށް ޓަކައި ނޫހުގެ ކޮލަމް ހުސްކޮށް
ގެއްލުނު ނޫސްވެރިއާ އަށް ޓަކައި ނޫހުގެ ކޮލަމް ހުސްކޮށް

ވޮޝިންޓަން (އޮކްޓޯބަރު 6) - ރަސްމީ ލިޔުމެއް ފުރިހަމަ ކުރަން އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އަށް ޓަކައި، ވޮޝިންޓަން ޕޯސްޓުގައި އޭނާ ލިޔަމުން ދިޔަ ކޮލަމްގެ ގޮޅި ހުސްކޮށް ބޭއްވުމަށް ފަހު ނޫސް ޗާޕްކޮށްފި އެވެ.

ޚަޝޯގީ އަކީ ސައުދީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ މީހެކެވެ. މިދިޔަ އަންގާރަ ދުވަހު ސައުދީ ކޮންސިއުލޭޓަށް އޭނާ ދިޔައީ އަންނަ ހަފުތާގައި ކައިވެނި ކުރާތީ ބައެއް ލިޔުންތައް ފުރިހަމަ ކުރުމަށެވެ. އޭނާގެ ލޯބިވެރިޔާ ބުނީ ކޮންސިއުލޭޓް ބަންދުކުރި އިރު ވެސް ޚަޝޯގީގެ ޚަބަރެއް ނުވި ކަމަށެވެ.

ސައުދީ އަރަބިއާ އިން ބުނެފައި ވަނީ ޚަޝޯގީ ކޮންސިއުލޭޓަށް ދިޔަ ބޭނުން ނިމުމުން އޭނާ އެނބުރި ދިޔަ ކަމަށެވެ. ނަމަވެސް ތުރުކީން ބުނެފައި ވަނީ ޚަޝޯގީ ހުރީ ކޮންސިއުލޭޓުގައި ކަމަށެވެ.

ވޮޝިންޓަން ޕޯސްޓުން ބުނީ ޚަޝޯގީ ހިފެހެއްޓުމުން ހިތާމަ ކުރާ ކަމަށެވެ. އަދި އޭނާ ވަގުތުން ދޫކޮށްލުމަށާއި ބިނާ ކުރަނިވި ފާޑުކިޔުން ބަލައިގަތުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ވަނީ ގޮވާލައިފަ އެވެ.

އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެން ޚަޝޯގީ ފެށީ ސައުދީގައި އޭނާ ލިޔަމުން ދިޔަ ނޫހުގެ ކޮލަމް ހުއްޓާލުމުންނެވެ. އަދި ވަލީ އަހުދުގެ ސިޔާސަތުތަކަށް ފާޑު ކިޔާ އޭނާ ކުރާ ޓްވީޓްތައް ހުއްޓާލުމަށް ވަނީ އިންޒާރު ދީފަ އެވެ. އޭގެ ފަހުން އޭނާ ދިޔައީ ވޮޝިންޓަން ޕޯސްޓަށް ކޮލަމެއް ލިޔަމުންނެވެ.