06 އޮކްޓޯބަރ 2018 - 17:30

ލާހޯރް (އޮކްޓޯބަރު 6) - ކޮރަޕްޝަނުގެ ތުހުމަތުގައި ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝަހްބާޒް ޝަރީފް ހައްޔަރުކޮށްފި އެވެ.
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހުބާޒް، 67، ހައްޔަރު ކުރީ ޕަންޖާބުގެ ހައުސިން ސްކީމްގެ ޕްރޮޖެކްޓެއް ގަވާއިދާ ޚިލާފަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ މައްސަލާގައި ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ނޭޝަނަލް އެންޓި-ކޮރަޕްޝަން ބިއުރޯ އިން ބުނެފައިވެ އެވެ. މި މައްސަލައިގައި ޝަހުބާޒުގެ ދަނބިދަރިކަލެއްގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އޭނާ މިހާރު ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އެންޓި ކޮރަޕްޝަން އެޖެންސީން މިހާރު ވަނީ އިންޓަޕޯލް މެދުވެރިކޮށް އޭނާ ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ.
ނަވާޒް ޝަރީފުގެ އާއިލާގެ ވަކީލް ވިދާޅުވީ ޝަހްބާޒް އަކީ ނޭޝަނަލް އެސެމްބްލީގައި އިދިކޮޅު ލީޑަރު ކަމަށާއި ޕާލަމެންޓުގެ ރައީސްގެ ހުއްދަ ނެތި ޝަހުބާޒް ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ކޮރަޕްޝަނުގެ ކުށުގައި ނަވާޒް ޝަރީފް ވެސް 11 އަހަރަށް ޖަލަށްލާން ޕާކިސްތާނުގެ ކޯޓަކުން ޖުލައި މަހު ވަނީ ހުކުމް ކޮށްފަ އެވެ. ނަވާޒް ޝަރީފްއާ އެކު ދަރިކަނބަލުން މަރިޔަމް ހަތް އަހަރަށް އަދި ދަނބިދަރިކަލުން މުހައްމަދު ސަފްދާރު ވަނީ އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ތިން މީހުން މިހާރު ތިބީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.