އިންޓަޕޯލްގެ ރައީސް ޗައިނާގައި ގެއްލިއްޖެ
އިންޓަޕޯލްގެ ރައީސް ޗައިނާގައި ގެއްލިއްޖެ

ބެއިޖިން (އޮކްޓޯބަރު 6) - އިންޓަނޭޝަނަލް ޕޮލިސް އެޖެންސީ، އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި ޗައިނާގައި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފްރާންސް އިން ފަށައިފި އެވެ.

ޗައިނާގެ ރައްޔިތެއް ކަމަށްވާ ހޮންގްވެއި ފްރާންސްގެ ލިއޯންގައި ހުންނަ އިންޓަޕޯލްގެ ހެޑްކްއާޓަރުން ނުކުމެވަޑައިގެން ޗައިނާ އަށް ކުރާ ދަތުރެއްގައި ފުރާވަޑައިގެންނެވީ ސެޕްޓެމްބަރު 25 ގަ އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނީ ހޮންގްވެއި، 64، ޗައިނާގައި ހިފަހައްޓާފައި ވަނީ އޭނާއާ ސުވާލު ކުރުމަށް ކަމަށެވެ. އޭނާ ހިފެހެއްޓީ ކޮން މައްސަލައެއްގައި ސުވާލު ކުރަން ކަމެއް ނޭނގެ އެވެ.

އިންޓަޕޯލުން ބުނެފައި ވަނީ 192 ގައުމު ހިމެނޭ ޖަމާއަތް ދުވަހުން ދުވަހަށް ހިންގަމުން ގެންދަނީ ސެކްރެޓަރީ ޖެނެރަލް ކަމަށެވެ. އަދި ރައީސް ބަލަހައްޓަވަނީ އޯވަރޯލްކޮށް އިރުޝާދު ދޭ އެގްޒެކެޓިވް ކޮމިޓީ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޓަޕޯލްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން ހޮންގްވެއި އަކީ ޗައިނާގެ ޑިޕިއުޓީ މިނިސްޓަ އޮފް ޕަބްލިކް ސޭފްޓީ އެވެ. ކޮމިއުނިސްޓް ޕާޓީގެ ސީނިއާ އޮފިޝަލެއްގެ މަގާމުގައި ހުންނެވި ހޮންގްވެއި އަކީ ޖިނާއީ އަދުލާއި ޕޮލިސްގެ ދާއިރާގައި 40 އަހަރުގެ ތަޖްރިބާ ހުންނެވި ބޭފުޅެކެވެ.