ސައުތު ކޮރެއާގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް
ސައުތު ކޮރެއާގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް

ސޯލް (އޮކްޓޯބަރު 6) - ކޮރަޕްޝަނުގެ ކުށް ސާބިތުވެ ސައުތު ކޮރެއާގެ ކުރީގެ ރައީސް ލީ މިއަންގް-ބަކް 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ލީގެ މައްޗަށް އިއްޔެ ހުކުމް އިއްވީ ރިޝްވަތާއި މަގާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ކުށުގަ އެވެ. ޖަލު ހުކުމުގެ އިތުރުން ލީގެ މައްޗަށް ވަނީ 13 ބިލިއަން ވޮން (11.5 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ވެސް ކޮށްފަ އެވެ. ލީ ވިދާޅުވެފައި ވަނީ އެއީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

ހުކުމް ކުރި އިރު ލީ ޝަރީއަތަށް ހާޒިރެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 76 އަހަރުގެ ލީ ކޯޓަށް ވަޑައިނުގެންނެވީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. ލީގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ ސެމްސަން ކުންފުނީގެ ޗެއާމަން އަށް މައާފް ދޭ މަތިން އެ ކުންފުނިން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދާފައިވުމެވެ. ލީ އަށް ފައިސާ ދިން ކަމަށް ސެމްސަން ކުންފުނިން ވެސް ދޮގު ކުރެ އެވެ.

ލީގެ ފަހުން ސައުތު ކޮރެއާގެ ރައީސް ކަމަށް ވަޑައިގެންނެވި ޕާކް ގުއެން-ހައި ވެސް ވަނީ މިދިޔަ އެޕްރީލް މަހު ޖަލަށް ލައިފަ އެވެ. ކޮރަޕްޝަނާއި ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ކުށުގައި ޕާކް ގުއެން-ހައި 24 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރުން ވަނީ 18 ބިލިއަން ވޮން (17 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.