10 އޯގަސްޓް 2016 - 09:16

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ސެޕްޓެމްބަރު 1 ވަނަ ދުވަހު މާލޭގައި ގައުމީ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެއް ކަމަށް އެފްއޭއެމުން ބުނެ އެވެ. މި މެޗު ވެގެންދާނީ ގައުމީ ޓީމުގެ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅޭ ރަސްމީ ފުރަތަމަ މެޗަށެވެ.
މި މެޗުގެ ކުރިން އޮގަސްޓް 29 ވަނަ ދުވަހު ގައުމީ ޓީމު ނުކުންނާނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާ ދެކޮޅަށެވެ. ދައްކާލުމުގެ މެޗެއްގެ ގޮތުގައި ކުޅޭ މި މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ކުޅޭނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ އާއި ލާއޯސް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު 6 ވަނަ ދުވަހު މާލޭގަ އެވެ. ދެ ވަނަ މެޗު އޮންނާނީ އޮކްޓޯބަރު 11 ގައި ލާއޯސްގަ އެވެ. ބަންގްލަދޭޝް އިން ތައްޔާރުވަމުން އަންނަނީ ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ވަނީ ޖެނުއަރީ މަހު ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. ދަގަނޑޭ ލީޑު ނަގާފައިވަނިކޮށް ފަހުކޮޅު ބަންގްލަދޭޝް އިން ލަނޑެއް ޖަހައި ރާއްޖެ ހާސްކޮށްލި ނަމަވެސް، ފަހު ވަގުތު ނާއިޒް ހަސަން (ދާދު) އާއި އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ލަނޑުތަކާ އެކު ރާއްޖެ މޮޅުވީ 3-1 އިންނެވެ. މި ދެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމު ވަނީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގައި ކުޅެފަ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ބަންގްލަދޭޝް އެވެ.
ސީނިއާ ޓީމުގެ އެހެން މެޗުތަކަށް ބަލާއިރު 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފަ އެވެ. ބަންގްލަދޭޝް އަށް ރާއްޖެ އަތުން އެންމެ ފަހުން މޮޅުވެވިފައިވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.
ބަންގްލަދޭޝް އާއި ރާއްޖެ އެންމެ ފަހުން މާލޭގައި މެޗެއް ކުޅުނީ މީގެ 16 އަހަރު ކުރިން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އޭގެ ފަހުން 2002 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ފުރަތަމަ ބުރުގައި ބަންގްލަދޭޝްގެ މުކްތިޖުއްދާ ސަންދާދާއި ނިއު ރޭޑިއަންޓް މާލޭގައި މެޗެއް ކުޅުނެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ މުޖްތިޖުއްދާ އެވެ.