ސައުދީ ބޭންކެއްގެ ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެނެއް
ސައުދީ ބޭންކެއްގެ ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެނެއް

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާގެ ބޭންކެއްގެ ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެނެއް ހަމަޖައްސައިފި އެވެ.

ސައުދީ އަންހެން ވިޔަފާރިވެރިއެއް ކަމަށްވާ ލުބްނާ ސުލައިމާން އަލްއަލްޔާން ހަމަޖެއްސީ ސައުދީ ބްރިޓިޝް ބޭންކް (އެސްއޭބީބީ) އާއި އަލް އައްވާލް ބޭންކުގެ ޗެއާޕާސަންގެ މަގާމަށެވެ. މި ދެ ބޭންކް އެއްކޮށްލުމުން އެއީ ސައުދީގެ ތިން ވަނަ އަށް އެންމެ ބޮޑު ބޭންކެވެ.

މިއީ ސައުދީގައި އަންހެނުންގެ ރޯލު ފުޅާ ކުރުމުގެ ގޮތުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ ޕްރޮގްރާމުގެ ދަށުން ގެންނަ ބަދަލުތަކެވެ. މިދިޔަ ޖޫން މަހު ވަނީ ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފަ އެވެ.

އެމެރިކާ އިން ތައުލީމް ހާސިލްކޮށްފައިވާ އަލްޔާން ވަނީ މެދުއިރުމަތީގައި އެންމެ ނުފޫޒްގަދަ އަންހެނުންގެ ފޯބްސްގެ މި އަހަރުގެ ލިސްޓުގައި ހިމެނިފަ އެވެ. ޓައިމް މަޖައްލާގެ އެންމެ ނުފޫގަދަ 100 މީހުންގެ ތެރޭގައި އޭނާ ވަނީ 2005 ވަނަ އަހަރު ހިމެނިފަ އެވެ.

އަލްޔާން، 63، އަކީ އާއިލީ ވިޔަފާރި ކުންފުނި އަލް އަލްޔާން ފައިނޭންސިން ކޮމްޕެނީ (އޯއެފްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވެސް މެ އެވެ. އެ އާއިލާގެ ވިޔަފާރީގެ މިލްކިއްޔާތުގެ އަގު 10 ބިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ.