08 އޮކްޓޯބަރ 2018 - 07:38

ސައުތު ފިލްމު އިންޑަސްޓްރީގެ ކުރީގެ މަޝްހޫރު އެކްޓަރު އެންޓީ ރާމަ ރާއޯ (އެންޓީއާރް) ގެ ތެލެގޫ ބައޮގްރަފިކަލް ޑްރާމާގައި ސްރީދޭވީގެ ރޯލް ކުޅެން ޒުވާން ބަތަލާ ރަކުލް ޕްރީތު ސިންގް ސޮއިކޮށްފި އެވެ.
އެކަން ފިލްމުގެ ޚަބަރުތައް އަޕްޑޭޓްކޮށްދޭ ރަމޭޝް ބާލާ ކުރި ޓްވީޓެއްގައި ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
ރަކުލްއަކީ 2014 ގައި ރިލީޒްކުރި ހިންދީ ފިލްމު "ޔާރިޔަން" ގެ ބަތަލާ އެވެ. އާންމުކޮށް ސައުތުގެ ފިލްމުތަކުން ފެންނަ ބަތަލާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާ، އަޖޭ ދޭވްގަން އާއި ތައްބޫގެ "ދޭ ދޭ ޕިޔާރް ދޭ" އެވެ.
ރަކޫލް އެންމެ ފަހުގެ ހިންދީ ފިލްމަކީ މި އަހަރު ކުރީކޮޅު ރިލީޒް ކުރި "އައްޔާރީ" އެވެ.
އެންޓީއާރްގެ ބައޮޕިކްގައި ސްރީދޭވީގެ ރޯލް ކުޅެން އޭނާ ސޮއި ކުރި އިރު، ފެބްރުއަރީ މަހު މަރުވި ސްރީދޭވީއަކީ ވަރަށް ޒުވާން އުމުރުގައި އެންޓީއާރްއާ އެކު ފިލްމު ކުޅުނު ބަތަލާއެކެވެ. ކްރިޝް ޑައިރެކްޓްކުރާ މި ފިލްމަކީ އެންޓީއާރްގެ ހަޔާތުގެ ވާހަކަ ވަރަށް ފުރިހަމަ އަށް ގެނެސްދޭނެ އަދި އަންނަ އަހަރުގެ އެންމެ އުންމީދީ ތެލެގޫ އެއް ފިލްމެވެ.
މި ފިލްމު ޑައިރެކްޓް ކުރާ ކްރިޝްއަކީ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ. އެންޓީިއާރްގެ ބައޮޕިކް ދެ ބައެއްގެ ގޮތުގައި އަންނަ އަހަރު ސިނަމާތަކަށް ގެނެސް ދޭން ނިންމާފައިވާ އިރު، ފުރަތަމަ ބައި ރިލީޒް ކުރާނީ ޖެނުއަރީ 9 ގަ އެވެ. އަދި ދެވަނަ ބައި ރިލީޒް ކުރާނީ "މަނިކަރްނިކާ" ރިލީޒް ކުރާތާ އެއް ދުވަސް ކުރިން ޖެނުއަރީ މަހުގެ 24 ގަ އެވެ.
އެންޓީއާރް ބައޮޕިކްގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ވިދިޔާ ބާލަން ވެސް ހިމެނެ އެވެ. މި ފިލްމުވެގެން ދާނީ އޭނާ ކުޅޭ ފުރަތަމަ ތެލެގޫ ފިލްމަށެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރާނާ ދަގޫޕަތީ، ރަވީ ކިޝަން، ޕްރަކާޝް ރާޖް، މުރާލީ ޝަރްމާ އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ.
އެންޓީއާރްގެ ރޯލު ފިލްމުގައި ކުޅެނީ ނަންދަމޫރީ ބާލަކްރިޝްނާ އެވެ.