އިބޫ އާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި
އިބޫ އާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާކޮށް، އިބޫ ޗައިނާ އަށް ވަޑައިގަތުމުގެ ދައުވަތު ދެއްވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމަކީ ޗައިނާ އެވެ. އަދި މި ސަރުކާރާއި އިންޑިއާގެ ގުޅުން ގޯސްވެފައި ވަނިކޮށް، ޗައިނާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގި ތަރައްގީގެ މަޝްރޫއުތަކަށާއި ދެ ގައުމުގެ ގުޅުމަށް ވެސް އެންމެ ބޮޑަށް ފާޑުކީ އެއް ބަޔަކީ އިބޫ ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިކުރައްވައި އިދިކޮޅު ކޯލިޝަންގެ އިބޫ ކާމިޔާބު ހޯއްދެވުމާ ގުޅިގެން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ވިދާޅުވެފައި ވަނީ ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރާއްޖޭގެ އާ ސަރުކާރުން އިހުތިރާމްކޮށް ސިލްކް ރޯޑް މަޝްރޫއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވެފައި ވަނީ އިބޫގެ ސަރުކާރުން ވެސް ރައީސް ޔާމީންގެ ސިޔާސަތު ދަމަހައްޓައި ފްރީ ޓްރޭޑް ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރެވޭނެ ފަދަ މާހައުލެއް އުފައްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ދަމަހައްޓައި ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.