އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ފިޔަވައި ދެން ތިއްބެވި ހަތަރު މެމްބަރުން ސްރީ ލަންކާ އަށް ފުރާވަޑައިގެންފައިވާތީ، ޕީޕީއެމުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވެރިކަން ކުރާ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ޖަވާބެއް ނުދެއްވައި، ކޮމިޝަންގެ މެންބަރުން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި މައްސަލަތަކެއް ހުރެގެން ރައްޔިތުންގެ މެދުގައި ވާހަކަތަކެއް ދެކެވި، ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަންގެ ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ވަޑައިގެން ވަޑައިގަތުމަކީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" އާރިފް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ހުންނެވި، އިލެކްޝަންސް ކޮމިޝަންގެ ހަމައެކަނި މެމްބަރު އަދި އެ ކޮމިޝަންގެ ރައީސް ޝަރީފް ރޭ ވިދާޅުވެފައި ވަނީ ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހުނީ އެ މެމްބަރުންނަށް ލިބެމުން ދިޔަ އިންޒާރުތަކާ ހެދި ކަމަށެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި، އަލީ އާރިފް ވަނީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ ހުރި އިމާރާތް ބަދަލުކޮށް އެތަނުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ކޮމްޕްލެއިންސް ބިއުރޯ އަކީ ވަކި މުއްދަތަކަށް ހުންނަން ޖެހޭ ތަނެއް. ކޮމްޕްލެއިން ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"މިއީ ވެސް އިލެކްޝަނާ ގުޅިގެން މި ދެކެވޭ ވާހަކަތަށް ބާރެއް ލިބޭ ކަމެއް ނޫން ބާވައޭ."

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު އަންހެން ނޫސްވެރިއަކަށް ފުރައްސާރަ ކުރި ކަމަށް ވިދާޅުވެ، އަލީ އާރިފް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެކަމާ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވައިލުމާ ގުޅުން ހުރި ކަމަށް އާރިފް ވަނީ ސުވާލު އުފައްދައިފަ އެވެ.

"މި ހުރިހާ ކަމަކީ ދިވެހި ރައްޔިތުން ވަރަސް ބޮޑުތަނުން ކަންބޮޑުވާ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

އަންހެން ނޫސްވެރިއަކަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބުއާ އެވެ. އެ ތުހުމަތު ކުރަނީ ޗެނަލް13 ގެ ނޫސްވެރިޔާ ލަޔާލް މަނިކު ފޯނުން ހަބީބަށް ގުޅުމުން، ގުޅީ ކީއްކުރަންތޯ ހަބީބު ސުވާލު ކުރުމުންނެވެ.

މިދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވާފައި ވަނީ 134،705 ވޯޓު ލިބިވަޑައިގެންނެވެ. ރައީސް އަބްދުﷲ ޔާމިނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އިންތިހާބުގެ މައްސަލަ ކޯޓަށް ވައްދާނެ ކަމުގެ އިޝާރާތެއް ޕީޕީއެމުން ވަނީ ދީފަ އެވެ.