06 އޮކްޓޯބަރ 2018 - 14:07

އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ލޯބީގެ އެތައް ޝުއޫރެއް ފާޅުކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަނާއަށް މިއަދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

ކަފާލާތުގެ ދަށުން މިދިޔަ މަހުގެ 30 ގައި މައުމޫން ހައި ކޯޓުން މިނިވަން ކުރި ފަހުން އަނބިކަނބަލުން ނަސްރީނާއަށް ތައުރީފް ކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ނަސްރީނާ ސިފަ ކުރައްވާފައި ވަނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ އެވެ. އަދި އެކަމަނާގެ ހިތްވަރުފުޅު ގަދަ ކަމާއި ވަފާތެރިކަން މައުމޫން ސިފަ ކުރެއްވީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގަ އެވެ.
"ކަމަނާއަށް ލިބިފައި ވަނީ ގަދަފަދަ ބާރެއް. ކަމަނާގެ ހިތްވަރު ގަދަކަން އާދަޔާ ހިލާފް. ކަމަނާ ހުންނެވީ ބަލި ނުކުރެވޭނެ ފަދަ ހިތްވަރެއްގައި. ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް. ގައިމު، ލޯބީގައި މޮޅު، ރީތި އެތައް ކަމެއް ހިމެނޭ. ލޯބިވާ އަނބިކަނބަލުން، އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ، ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި އަޅުގަނޑު ﷲ އަށް ޝުކުރު ކުރަން،" މައުމޫން ލިޔުއްވާފައިވެ އެވެ.
މައުމޫން، ނަސްރީނާއާ ބައްދަލުވެވަޑައިގެންފައި ވަނީ 1965 ވަނަ އަހަރު މިސްރުންނެވެ. ކައިވެނި ބައްލަވައިގެންފައި ވަނީ އޭގެ ހަތަރު އަހަރު ފަހުން ހަމަ މިސްރުގަ އެވެ. މި ކައިވެންޏަށް މި އަހަރުގެ ޖުލައި، 14، ގައި ވަނީ 49 އަހަރު ފުރިފަ އެވެ.
މައުމޫން ރާއްޖޭގައި ވެރިކަން ކުރެއްވި 30 އަހަރު ސިޔާސީ ސިޔާސީ ކަންކަމުގައި ނަސްރީނާ ހަރަކާތްތެރިވެވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް މި އަހަރު ފެބްރުއަރީ މަހު، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރު ކުރުމުން ނަސްރީނާ ވަނީ ފިރިކަލުންގެ ދިފާއުގައި އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން، މައުމޫންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިންގި އިރު އެކަމަނާ ވަނީ، އެމަނިކުފާނު ޖަލުން ދޫކޮށްލަން ގޮވާލި މީހުންނާ އެކު ކޯޓު ކައިރިއަށް ވަޑައިގެންފަ އެވެ. އަދި މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިންގައި ވެސް އަމަލީ ގޮތުން އެކަމަނާ އުޅުއްވި އެވެ.
މައުމޫންގެ ބަލި ހާލަތު ހުރި ގޮތުން، އެމަނިކުފާނާ އެކު ޖަލުގައި އޮންނެވުމުގެ ފުރުސަތަކަށް ވެސް ނަސްރީނާ އެދިވަޑައިގެންނެވި އެވެ. އަދި މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފަހު ދުވަހު، އަސަރު ގަދަ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ނަސްރީނާ ވަނީ އިބޫ އަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.